ރާއްޖޭގައި ފަށާފައިވާ ބަންކަރިންގ ޚިދުމަތް ތަރައްގީވެ ކުރިއަރަމުންދާއިރު، ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން މިއީ ވަރަށް މުހިންމު ސިނާއަތަކަށް ވެގެންދާނެ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބަންކަރިންގ ޚިދުމަތާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިމާދު ވިދާޅުވެފައިވަނީ މި ޚިދުމަތް މިހާރު އޮތީ ފުރަތަމަ މަރުހަލާގައި ކަމަށާއި، ކުރިމަގުގައި މިއީ މުހިންމު ސިނާއަތަކަށް ވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ޖިއޯގްރަފިކް ލޮކޭޝަނުގެ ސަބަބުން މި ވިޔަފާރި އިތުރަށް ކުރިއަރާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފެށިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މި ޚިދުމަތް ފެށުމަށްޓަކައި އިހަވަންދިއްޕޮޅުގައި 15-20 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މި ޚިދުމަތް ހިންގަމުން ގެންދަނީ އެސްޓީއޯއިން ވިޓޯލްއާ ގުޅިގެންނެވެ.
މިހާރު މި ޚިދުމަތް ދިނުމަށް 4,000 ޓަނުގެ 2 ބޯޓުން މިވަގުތު އޮފްޝޯގައި މި ޚިދުމަތް ދެމުންދާއިރު، ކުރިމަގުގައި ބިމުގައި ތާނގި ބަހައްޓައިގެން މި ޚިދުމަތް ފުޅާކުރުމަށް ރޭވިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ބަންކަރިންގ ސިނާއަތަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ވަރަށް މުހިންމު ޚިދުމަތެއް ކަމަށްވާއިރު، ރާއްޖެ އޮންނަ ސަރަހައްދުގެ ސަބަބުން މި ޚިދުމަތް ރާއްޖޭގައި ތަރައްގީވުމަކީ ގައުމަށް އިގްތިސާދީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.