ހުއްޓިފައިވާ ވޯޓާ ތީމް ޕާކު އަލުން ތަރައްޤީކުރަން އެޗްޑީސީން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ހުއްޓިފައިވާ ވޯޓާ ތީމް ޕާކު އަލުން ތަރައްޤީކުރަން އެޗްޑީސީން ނިންމައިފި

ހުޅުމާލޭގައި ހުއްޓިފައިވާ ވޯޓާ ތީމް ޕާކު އަލުން ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން ވޯޓާ ތީމް ޕާކާއި ކުޑަކުދިންގެ ކުޅިވަރު ސަރަހައްދެއް ތަރައްޤީކުރެވޭނެއެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫޢުގެ ޑިޒައިންކުރުމުގެ މަސައްކަތް މިހާރުދަނީ ސްރީލަންކާގެ ކުންފުންޏަކާ ގުޅިގެން ކުރިއަށެވެ. އަދި ތިމާވެއްޓަށް ކޮށްފާނެ އަސަރު ދެނެގަތުމުގެ ދިރާސާ (އީއައިއޭ) މިހާރު ކުރެވެމުންދާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ތެރެއިން ހުޅުމާލެއިން ނަގާ ވެލިން އިތުރު ބިން ހިއްކުމަށް ވެސް ރޭވިފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. އަދި އަންނަ އަހަރު މަސައްކަތް ފަށައި، ވީހާވެސް އަވަހަކަށް އެޑްވެންޗާ ޕާކެއް ހެދުމަށް ވެސް ރޭވިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބޭނުންކޮށް، ގިނަ ވަސީލަތްތަކެއް ގާއިމުކުރެވޭނެކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2017 ވަނަ އަހަރު 35 މިލިއަން ޑޮލަރުގެ ވޯޓަރ ތީމް ޕާކު މަޝްރޫޢެއް ފެށިފައިވެއެވެ. ނަމަވެސް މަސައްކަތް ލަސްވުމާ ގުޅިގެން، ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލޭޝަރއާ އެކު ވެފައިވާ އެއްބަސްވުން އެޗްޑީސީން އުވާލާފައިވެއެވެ.

އޭރު ހުށަހެޅިފައިވާ ޕްރޮޖެކްޓުގައި 50 ކޮޓަރީގެ ހޮޓަލެއް ހިމެނޭއިރު، ތަފާތު ވޯޓަރ އެޓްރެކްޝަންތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ސްލައިޑްތަކާއި، ޕޫލްތަކާއި، ބަމްޕަރ ބޯޓްސްއާއި، ވޯޓަރ ހައުސްތަކާއި، ރޯލާރސްއާއި، ގައިރޯއާއި، އަކުއަރ ލޫޕްސްއާއި، ފައުންޓެއިން ސްކޮޔަރ އަދި ކޯރެއް ހިމެނެއެވެ.

މި އައު މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތު އަދި ހާމަކޮށްފައި ނުވިނަމަވެސް، ހުޅުމާލޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް މުނިފޫހިފިލުވުމުގެ އިތުރު ވަސީލަތްތަކެއް ގާއިމުވެގެންދާނެކަމަށް ބެލެވެއެވެ.                     

މިއަދު އޮންލައިން