ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހެއްގެ އަންހެން ދަރިފުޅު ފަޤީރަކާ ކައިވެނިކުރީތީ ނިކަމެތިކޮށްލުމުންވެސް ފިރިމީހާއާއެކު ކެތްތެރިވީމާ ލިބުނު ކުރިއެރުން! އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހެއްގެ އަންހެން ދަރިފުޅު ފަޤީރަކާ ކައިވެނިކުރީތީ ނިކަމެތިކޮށްލުމުންވެސް ފިރިމީހާއާއެކު ކެތްތެރިވީމާ ލިބުނު ކުރިއެރުން! އަގުހުރި ފިލާވަޅެއް!

އަޅުގަނޑުވެސް މީހަކު ދެކެ ލޯބިވީމެވެ. އޭނާ އާއި ކައިވެނިކުރަން ބޭނުންވެގެން ބައްޕަ ގާތުގައި ބުނީމާ އެއްބަހެއް ނުވިއެވެ. އޭނާއަކީ ފަޤީރު މީހަކަށްވާތީއެވެ. ބައްޕަ ބޭނުންވަނީ ތަނަވަސް މީހަކާއި ކައިވެނިކުރުވުމަށެވެ.

އަޅުގަނޑަށް ކައިވެނިކުރަންޖެހުނީ ބައްޕަގެ ނުޤަބޫލުގައެވެ. އެހެންވެ އަޅުގަނޑު ގެއިން ނެރެލުމުން ދިރިއުޅެންޖެހުނީ ފިރިމީހާގެ ގޭގައެވެ. އެއީ ގެއެއް ކަމަށް ބުނި ނަމަވެސް އެއީ ހަމަ ކޮޓަރިއެވެ. ނިދައި ކައްކައި ކައިހަދަނީވެސް ކޮޓަރީގައެވެ. 

ފިރިމީހާއަށް ލިބޭ މުސާރައިން ގޭގެ ބިލްތައް ދައްކާފައި އަސާސީ ތަކެތި ގަތުމުން ބާކީވަނީ ވަރަށް މަދު ފައިސާކޮޅެކެވެ. އެހެންވެ މަހުގެ ފަހުކޮޅު އޮންނަނީ ލައިގެންކާނެ އެއްޗެއްވެސް ނުހޯދިފައެވެ. ކައިއުލެނީ ބަތްކޮޅުގެ ތެރެއަށް ކުޑަކުޑަ ލުނބޯ ހުތްކޮޅެއް ފެލާލައި އެއިގެ ތެރެއަށް ފެންއަލައި ދިޔާކޮށްގެންނެވެ. ލިބުނިއްޔާ ކުޑަފިޔާކޮޅެއް އެއްކޮލަމެވެ. ފިރިމީހާ އެކަމާއި ވަރަށް ދެރަވެއެވެ. އެއީ އޭނާގެ ސަބަބުން އަނބިމިހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށްވެސް ބުނެއެވެ.

އަޅުގަނޑު ބުނަމުން އައީ ދެމަފިރިއަކު ރަނގަޅު ގޮތުގައި ދިރިއުޅޭނަމަ ﷲ ރަޙްމަތް ލައްވަވާނެ ކަމަށެވެ. ހުސްބަތްކޮޅެއް ކާންޖެހުމަކީވެސް މައްސަލައެއް ނޫން ކަމަށާއި ކިތަންމެ މީރުކޮށް ކިތަންމެ ގިނަ އެއްޗެތި ކާންލިބުނަސް ކައިވެނީގައި އުފާވެރިކަން ލިބުންވަނީ ދެމީހުން ތެދުވެރިވިވަރަކުން ކަމަށެވެ. އެކަކު އަނެކަކަށް ވަފާތެރިވެ އިޚްލާޞްތެރިވީވަރަކުން ކަމަށެވެ. 

ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. ﷲ އަށް ބިރުވެތިވެއެވެ. ނަމާދުކުރެއެވެ. އަޅުގަނޑާއިމެދު ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. ވީމާ ހުސްބަތްކޮޅެއް ކައިގެންވެސް އޭނާ އާއިއެކު ދިރިއުޅުމުން އުފާވެރިކަން ލިބެއެވެ. ހިތްހަމަޖެހުން ލިބެއެވެ. 

އެފަދަ ޙާލުގައި އުޅެނިކޮށް ކައިވެނީގެ 2 ވަނަ އަހަރު އަޅުގަނޑު ބަލިވެއިނދެއްޖެއެވެ. ދަރިއަކު ލިބެން އުޅޭތީ ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް މައްސަލައަކީ ދަރިފުޅަށް ޚަރަދުކުރާނެ ގޮތެކެވެ. އެކަން ވަކީލްކުރީ މާތް ﷲ އަށެވެ. ދެމީހުން ކުރިކަމަކީ ރޭއަޅުކަންކުރުން ގިނަކުރުމާއި ދުޢާކުރުން ގިނަކުރަމެވެ. 

ބަނޑަށް 6 މަހަށް އެޅުނުއިރުވެސް ވިހަން ތައްޔާރުވާން އެއްވެސް ކަމެއް ނުކުރެވެއެވެ. ކަމެއް ކުރެވޭނެ ގޮތެއްވެސް ނެތެވެ. އެހެންވެ ތިބީ ވަރަށް ދެރަވެފައެވެ. ހަމައެކަނި އޮތް ޔަޤީންކަމަކީ ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަވާނީ ރިޒުޤާއިއެކުގައި ކަމުގެ ޔަޤީންކަމެވެ. 

އެއްރޭ ޢިޝާނަމާދުން ފައިބައިގެން ފިރިމީހާ ގެއަށް އައުމުން ދެމީހުން އިށީނީ ކާށެވެ. މޭޒުމަތީގައި ހުރީ ގިނައިން ކާ މީހަކަށް އެއްފަހަރަށް ބޭނުންވާނެ ވަރުގެ ބަތްކޮޅެއް އެކަންޏެވެ. ދެން ހުރީ ފިރިމީހާ އެދުވަހު ސަހަރާއިން ގެނައި މުރަނގަފަތްކޮޅެކެވެ. 

ކާންފަށަން އުޅުނު ވަޤުތު މީހަކު ދޮރުގައި ޓަކިޖެހުމުން ފިރިމީހާ ގޮސް ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ ބޮޑުދައިތަގެ ދޮށީ ފިރިހެން ދަރިފުޅެވެ. އޭނާ ފެނުމާއިއެކު ދުވެގޮސް ބައްދައިގަނެވުނެވެ. ކޮނޑުމަތީގައި ބޯއަޅައިގެން އޮވެ ރޯން ފެށުނެވެ. 

އޭނާއަށް އަހަރެމެން ދިރިއުޅޭ ޙާލު ފެނުމުން ވަރަށް ދެރަވިއެވެ. އެހައި ދަތިކޮށް އުޅޭއިރުވެސް އަންގައިވެސް ނުލީ ކީއްވެގެންތޯ ސުވާލުވެސް ކުރިއެވެ. ގަޑިއެއްހައިއިރު އަޅުގަނޑުމެންނާއި އެކުގައި ހޭދަކޮށްފައި ނުކުންނަމުން ބުނީ ފިރިމީހާ މިހާރު އަދާކުރާ ވަޒީފާއިން ވަކިވެ އޭނާގެ ފިހާރައިގައި މަސައްކަތްކުރަން ފެށުމަށެވެ. ދެމަފިރިންގެ ކަންކަން ބަލަހައްޓައިގެން އުޅެވޭވަރުގެ މުސާރައެއްދޭނެ ކަމަށެވެ. އަދި ވިހެއުމުގެ ކަންކަންވެސް ބަލަހައްޓައިދޭނެ ކަމަށެވެ. އަދި ދަމުން ރުފިޔާކޮޅެއްވެސް ދިނެވެ. 

ބޭބެ ބުނި ގޮތަށް ފިރިމީހާ ކަންކަން ކުރިއެވެ. އޭނާގެ ގާތުގައި މަސައްކަތްކުރަން ފެށިއެވެ. ފިރިމީހާ މަސައްކަތްކުރާގޮތް ބޭބެއަށް ވަރަށް ކަމުދިއައެވެ. އެހެންވެ ބޭބެ ފިރިމީހާ އާއިމެދު ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ.

މަހެއްހައި ދުވަސްވެސް ނުވާނެއެވެ. ހުކުރު ދުވަހަކު ހެނދުނު ގޭގައި ތިއްބައި މީހަކު ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވީ އަޅުގަނޑެވެ. ދޮރުމަތީގައި ބައްޕަ ހުއްޓައި ފެނުމުން ދިއައީ ސިއްސައިގެންނެވެ. ބައްޕަގެ ގައިގައި އޮޅުލައިގަނެވުނެވެ. ރޮވެންފެށިއެވެ. އެއީ އެތައް ދުވަހަކަށްފަހު ބައްޕަ ފެނުމުން ލިބުނު އުފަލުގައެވެ. 

ބައްޕަގެ ފަރާތުން އެދުވަހުވެސް ފެނުނީ އަމުރުވެރިކަމެވެ. "ފޮށްޓަށް އެއްޗެތި އަޅައިގެން ދެމީހުން ގެއަށް ހިނގާށެވެ." ފިރިމީހާ އެކަމަށް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. ނަމަވެސް ބައްޕަ އެދުނު ގޮތަށް ކަންތައް ކުރަން ފެންނަކަމަށް ބުނުމުން ފިރިމީހާވެސް އެއްވެސް މައްސަލައެއް ނުޖައްސައެވެ. ދެމީހުން ބައްޕަ އާއިއެކުގައި ދިއައީއެވެ. 

ކަންކަން މިވީ ގޮތަކީ ބޭބެގެ ކިބައިން އަހަރެމެންގެ ކަންކަން ބޮޑުދައިތައަށް އެނގުނީމާ ބޮޑުދައިތަ ބައްޕަ އާއި ބައްދަލުކޮށްފައި އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ތެދުވެރި، ހީވާގި ރަނގަޅު މީހެއްކަމަށް ބުނެ އަޅުގަނޑުމެން ގެއަށް ވައްދަން އެދުނީއެވެ. ގެއަށް ގެންދިއުމަށްފަހު އަޅުގަނޑުމެންނަށް ބޭނުންވާނެ ހުރިހާ ކަމެއް ބައްޕަ ކޮށްދިނެވެ. ލިބެން އުޅޭ ފުރަތަމަ ކާފަ ދަރިފުޅަށް މަރުޙަބާ ކިޔަން ނުކުރާ ކަމެއް ނެތެވެ. ހުރީ ކެތްތެރިކަން ކޮޅުންލައިފައެވެ. 

މިހާރު އަޅުގަނޑުމެންގެ ކައިވެންޏަށް 12 އަހަރުވީއެވެ. ދިރިއުޅެމުން މިދަނީ ބައްޕައާއިއެކުގައެވެ. ބައްޕަގެ އަޅުގަނޑު ނޫން ދަރިއަކު ނެތުމުން ފިރިމީހާ ގަތް ފްލެޓަށް ބަދަލުވާން ޤަބޫލުނުވުމުން އެތަން އެހެރީ ކުއްޔަށް ދީފައެވެ. 

އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ދަތިޙާލުގައި އުޅެންޖެހެނު ނަމަވެސް މާޔޫސް ނުވުމަށ ހިތްވަރުދޭށެވެ. ދެމަފިރިން އެކަކު އަނެކަކަށް އިޚްލާޞްތެރިވެފައި ތަޤްވާވެރިކަމުގައި ދެމިތިބިނަމަ މަގެއް ދައްކަވާނެކަމަށް ބުނުމަށެވެ.

 

--ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން