އާސަންދަ ސްކީމުގެ ދަށުން އެއްވެސް ބޭހެއް ކަވަރުކުރުން ހުއްޓާނުލާ ކަމަށް އާސަންދަ ކުންފުނިން މިއަދު ހާމަކޮށްފިއެވެ. މި ކުންފުނިން ބުނީ ކުރިއެކޭ އެއްގޮތަށް ބޭހަށް ކަވަރޭޖް ލިބޭނެ ކަމަށެވެ.
އާސަންދައިގެ ދަށުން ލިބެމުންދިޔަ ބައެއް ބޭސްތައް މިހާރު ނުލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔުމާ ގުޅިގެން އާސަންދައިން ބުނެފައިވަނީ އެކުންފުނިން ކަވަރކުރާ ބޭސްތަކުގެ މަޢުލޫމާތު ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބަލްކް ޕްރޮކިއުމަންޓް އުސޫލުން ގެންނަ ބޭހުން އިތުރު އަގެއް ނުނަގާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އާސަންދައިން އިތުރަށް ހާމަކުރި ގޮތުގައި، ކަވަރނުކުރާ ބޭސް ސިޓީގައި "ނޮޓް ކަވަރޑް" މިހެން ލިޔެފައި އޮންނާނެއެވެ. އަދި ބޭސް ނުލިބޭނަމަ "ޝިކާވަތި" ޗެޓްލައިނަށް ރިޕޯޓުކުރުމަށް އާސަންދައިން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި ނިންމުމަކީ ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާ ފަސޭހަކަމާއެކު ލިބިދިނުމަށް އާސަންދައިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މިކަމުން ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.