އަޅުގަނޑުގެ ޢުމުރުން 8 އަހަރުގައި ބައްޕަ އަޅުގަނޑުމެންނާއި ވަކިވުމުން ވަރަށް ބުރަމަސައްކަތުން އަޅުގަނޑު ގެންގުޅެ ބޮޑުކުރީ މަންމަ އެވެ. ލިބޭ މުސާރައިން ދެމައިންގެ ހުރިހާ ކަންކަން ކުރަމުން އަޅުގަނޑަށް ކިޔަވައިދެމުން އައިސް ވަނީ ޕީއެޗްޑީ ވެސް ޙާޞިލްކޮށްދީފައެވެ.
މަންމަގެ ހެޔޮދުޢާ އާއިއެކު ކައިވެނިކުރެވުނީ ވަރަށް ރަނގަޅު މީހަކާއިއެވެ. 7 އަހަރުތެރޭގައި 3 ދަރިންވެސް ވަނީ ލިބިފައެވެ. ފުރަތަމަ ދަރިފުޅު ލިބުމާއިއެކު މަންމަ ވަޒީފާ ދޫކޮށްލާފައި އަޅުގަނޑުމެންގެ ޚިދުމަތަށް އެނބުރިއްޖެއެވެ. ދަރިން ސްކޫލަށް ގެންދަންޖެހޭ ޢުމުރަށް އެޅުމުން އަޅުގަނޑުވެސް ވަޒީފާ ދޫކޮށްލީއެވެ. އެއީ މަންމަ މުސްކުޅިވީދުވަހު އަޅުގަނޑުގެ ދަރިން ބެލުމުގެ ހުރިހާ ބުރަތަކެއް މަންމައަށް ޖައްސުވަން ބޭނުން ނުވާތީއެވެ.
ނޯކަރުން ގޭގައި ގެންގުޅުމަކީ މަންމަ ރުހޭ ކަމެއް ނޫނެވެ. މަންމަ ބުނަނީ ދަރިންނަށް ދީނީ ތަރުބިއްޔަތު ދެވޭނީ އަޅުގަނޑުމެންނަށް ކަމަށެވެ. މުސްލިމް ނޯކަރަކު ހޯދިނަމަވެސް އެންމެ ކުޑަމިނުން ކާންދޭއިރު ބިސްމިﷲ ކިޔައިދޭނެކަމުގެ ޔަޤީންކަންވެސް ނެތް މީހަކާއި ދަރިންގެ ކަންކަން ޙަވާލުކުރަން ހެޔޮނުވާނެކަމަށެވެ. "ދަރިފުޅާ! އެދަރިންނަށް ބިސްމިﷲ ކިޔައިނުދީ، ނުކިޔުއްވާ ކާންދިނީމާ އެކުދިން ފާފަވެރިއެއް ނުވާނެ! ފާފަވެރިވާނީ އަހަރެމެން. އަގުބޮޑު ތަކެތި ދަރިންނަށް ކާންދޭއިރުވެސް ކުދިންނަށް އެކަމުގެ ފައިދާ ނުކުރަނީ އެހެންވެގެންކަމަށް މަންމައަށް ޤަބޫލުކުރެވެނީ."
ކޮންމެއަކަސް އަޅުގަނޑަކީ ބިޒްނަސް ކޮންސަލްތަންޓެކެވެ. ވަޒީފާ ދޫކޮށްލަން ވަރަށް ދެރަވިއެވެ. ނަމަވެސް މަންމައާއި ކުދިންގެ ޙައްޤުގައި ވަޒީފާ ދޫކޮށްލީއެވެ. ހަމައެކަނި ފިރިމީހާއަށް ލިބޭ މުސާރައިން ދިރިއުޅެންޖެހުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވިއެވެ. ނަމަވެސް ޝުކުރުކުރީއެވެ.
ވަޒީފާ ދޫކޮށްލީ މައިގަނޑު 2 ސަބަބަކަށެވެ. އެއީ މަންމައަށް އެހައި ބުރަ ނުޖެއްސުމަށާއި މަންމަ މުސްކުޅިވީ ދުވަހު އަޅުކަންކުރާނެ ވަޤުތު މަންމައަށް ހޯދައިދިނުމެވެ. އަޅުގަނޑު ދުށީ އެއީ އަޅުގަނޑަށް ކޮންމެހެން ކުރަންޖެހޭނެ ކަންކަން ކަމުގައެވެ. އެކަންކަން ކުރުމުން ﷲ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެކަން ޔަޤީންކުރީމެވެ.
ވަޒީފާ ދޫކޮށްލިތާ މިވީ 4 އަހަރެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިދަންނަވަނީ މިއަދުގެ ނަތީޖާއެވެ. ވަޒީފާ ދޫކޮށްލިއިރު ފިރިމީހާގެ މުސާރައަކީ މަހަކު އެންމެ 15،000 ރުފިޔާއެވެ. މިއަދު އޭނާއަށް މުސާރައިގެ ގޮތުގައާއި އިތުރަށް ކުރާ މަސަކަތުން މަހަކު އެއިގެ 3 ގުނަ އިތުރަށް ރުފިޔާ ލިބެއެވެ. ގޭގައި ހުރެގެން އަޅުގަނޑަށް ވަޤުތުވާ ވަރަކުން ކުންފުނިތަކަށް މަސައްކަތްކޮށްދިނުމުން މަހަކު ރަނގަޅު އާމްދަނީއެއް ލިބެއެވެ. ފައިސާގެ އެއްވެސް ދަތިކަމެއް ނެތެވެ.
މިއަދު ނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މައިންގެ އަގު ވަޒަންކުރާށެވެ. އެމީހުންނަށް ހެޔޮކޮށް ހިތާށެވެ. މައިންނަށް ބުރަކުރުވާފައި އަޅުކަންކުރާނެ ވަޤުތު ނުދީ މަސައްކަތްކުރުވައިގެން އަޅުގަނޑުމެންނަށް ހޯދޭ މުސާރައަށްވުރެ މާގިނަ ފައިސާ މައިންނަށް ހެޔޮކޮށް ހިތުމުން ﷲ ތަޢާލާ ދެއްވަވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުގެ މިވާހަކަކޮޅަކީ އަޅުގަނޑުގެ ޙަޔާތުގެ ތަޖުރިބާއެވެ. ކިޔުންތެރިންނަށް ފައިދާހުރި ވާހަކަކޮޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- ޒަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް