ޢިބްރަތްތެރި ވާހަކަ: ލޯބި ސިއްރުކުރަންޖެހޭ ޙާލަތުގަ ސިއްރުކޮށްފަ ފުރުޞަތު ލިބުމުން ހާމަކުރުމަކީ އެންމެ ފައިދާހުރި ގޮތްކަން ތަޖުރިބާކުރެވުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 39ސ
ޢިބްރަތްތެރި ވާހަކަ: ލޯބި ސިއްރުކުރަންޖެހޭ ޙާލަތުގަ ސިއްރުކޮށްފަ ފުރުޞަތު ލިބުމުން ހާމަކުރުމަކީ އެންމެ ފައިދާހުރި ގޮތްކަން ތަޖުރިބާކުރެވުނު މީހެއްގެ ވާހަކަ-

އަޅުގަނޑުމެން ދެމީހުން ބައްދަލުވީ ސޯޝަލްމީޑިއާއިންނެވެ. ދެމީހުންގެ މެދުގައި ވަރަށް ގިނަ ވާހަކަތައް ދެކެވި އެކަކު އަނެކަކު ދެކެ ލޯބިވެވުނެވެ. އެންމެފަހުން ބައްދަލުކުރަން ރެސްޓޯރަންޓަކަށްވެސް ދިއައިމެވެ. ލޯބިވެރިޔާ އައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ގޮވައިގެންނެވެ.  

ފަހުން އެނގުނު ގޮތުގައި މިދެމީހުންނަކީ ވަރަށް އެކުގައި އުޅޭ ދެމީހުންނެވެ. އެންމެ ގާތް އެކުވެރިޔާއަކީ ތަނަވަސްކަންހުރި މީހެކެވެ. އަދި ލޯބިވެރިޔާއަކީ ތަނެއްގައި ވަޒީފާއަދާކުރާ މީހެކެވެ. އެކަންކަން އެނގުމަށްފަހުގައިވެސް އެތައްފަހަރަކު 3 މީހުން އެކުގައި ބައްދަލުގެ 3 މީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދުނެވެ.  

ކޮންމެއަކަސް އަޅުގަނޑުމެން ދެލޯބިވެރިންނަށް ކައިވެނިކުރެވިއްޖެއެވެ. އެކުގައި ދިރިއުޅެންވެސް ފެށިއްޖެއެވެ. ކައިވެނިކުރެވުނު ރޭ ޙަފްލާ ނިމިގެން 3 މީހުން އެކުގައި ވާހަކަދައްކަން ތިބެފައި އެންމެ ގާތް އެކުވެރިޔާ ބުންޏެވެ. "ތިއަ ދެމަފިރިންނަށް އަހުރެންގެ ފަރާތުން ދޭން އޮތް އެންމެ އަގުބޮޑު ހަދިޔާ މިދެނީއެވެ. އެއްވެސް ކަމަކަށް ދަތިވެގެން ނުތިބޭށެވެ. ކޮންމެ ކަމަކަށް ދަތިވި ނަމަވެސް، ހިތްހަމަނުޖެހޭ ޙާލަތެއް ކުރިމަތިވިނަމަވެސް އަންގައިލާށެވެ. އެހީތެރިވެދޭނަމެވެ. އިން ޝާ ﷲ"  

ކައިވެނީގެ 2 ވަނަ އަހަރަށް ފެށުނުތަނާ ނުވަތަ ކައިވެންޏަށް އަހަރުވީތަނާ ފިރިމީހާ ލޯބިވެރިއަކު ހޯދައިފިއެވެ. ވަރަށް ސިއްރުން ކަންކަން ކުރަން ފަށައިފިއެވެ. އެހެން އުޅެމުންގޮސް އެލޯބިވެރިޔާ އެންމެފަހުން އަޅުގަނޑުމެން ދިރިއުޅޭގެއަށް ގެނެސްފިއެވެ. އަޅުގަނޑު ގާތުގައި ބުނީ އެއީ ވަރަށް ތަނަވަސް ީހެއްގެ ދަރިއެއް ކަމަށާއި މަޝްވަރާކުރަނީ އޭނާގެ ބައްޕަގެ ކުންފުނިން ރަނގަޅު ވަޒީފާއެއް ހޯދުމާއިބެހޭ ގޮތުން ކަމަށެވެ. އެއިރުން 2 މީހުންނަށްވެސް މާއުފަލުގައި އުޅެވޭނެ ކަމަށެވެ.  

ޖަވާބުގައި އަޅުގަނޑު ބުނީ ތިއަ ރަނގަޅު ވަޒީފާ ލިބުނުތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެކަން އަޅުގަނޑަށް އެނގޭ ކަމަށެވެ. އެހެންވީމާ އެވަޒީފާ އަދާކުރަން ދެން ރަނގަޅުވާނީ އަޅުގަނޑު ދޫކޮށްލާފައި އަޅުގަނޑުގެ ގެއިން ނުކުމެގެން ދިއުން ކަމަށާއި އެންމެ ރަނގަޅަށް ވަޒިފާ އަދާކުރެވޭނީ އެއިރުން ކަމަށެވެ.  

އެހެން ބުނުމުން ފިރިމީހާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެވަރުން ހޯދަން އުޅުނު ރަނގަޅު ވަޒީފާއަށްވެސް ހުރަސްއެޅީކަމަށްބުނެ ވަރިކޮށްފައި ގެއިން ނުކުމެގެން ދިއައީއެވެ. ނުކުންނަމުން އެއަންހެންމީހާގެ ކުރިމަތީގައި އަޅުގަނޑުގެ އަގު ވައްޓާލުމުގެ ބޭނުމުގައި އަޅުގަނޑަށް ނުކިޔާއެއްޗެއް ނެތެވެ. ނުކުރާ ތުހުމަތެއްވެސް ނެތެވެ.  

އެއީ ހަވީރުގެ ވަގުތެކެވެ. އޭނާ ނުކުމެގެން ދިއުމުން އެކަމަކަށް ނުވިސްނަމެވެ. ކުރިންސުރެ މިވަޤުތު އަންނާނެ ކަމަށް ހުރީ ވިސްނައިގެންނެވެ. އެޖަވާބު އެހައިފަސޭހައިން ދެވުނީވެސް ވިސްނައިގެން ހުރީތީއެވެ.  

ފުރަތަމަވެސް ގުޅީ މަންމައަށެވެ. ކަންކަންވީގޮތް ކިޔައިދީފައި އަޅުގަނޑުގެ ގާތުގައި ދުވަސްކޮޅަކު މަޑުކޮށްލައިދޭން އަޅުގަނޑުގެ ފްލެޓަށް އައިސްދިނުމަށް އެދުމުން ވަރަށް ފަސޭހައިން މަންމަ އެއްބަސްވެ އެރޭގެ ޢިޝާނަމާދުން ފައިބައިގެން މަންމަ އަތުވެއްޖެއެވެ.  

މަންމަ އާއި ދެމީހުން ކައިނިމިގެން ނިދަން ކޮޓަރިއަށް ގޮސްފައި އެންމެ ގާތް އެކުވެރިޔާއަށް ގުޅައިލީމެވެ. ކައިވެނީގެ ރޭ އޭނާ ދިން އެންމެ އަގުބޮޑު ހަދިޔާގެމަތިން ހަނދާންކޮށްދީފައި އެދުވަހު ކަންކަން ހިނގި ގޮތް ކިޔައިދިނީމެވެ. ބުނީމެވެ. "ޢިއްދައިގައި އިނދެގެން ވަޒީފާއަށް ނޫން ގޮތަކަށް ގެއިން ބޭރަށްވެސް ދާކަށް ބޭނުމެއް ނެތެވެ. ނަމަވެސް ވަޤުތުވާވަރަކުން ގުޅާލައި ޙާލުބަލާލަދިނިއްޔާ ވަރަށް ރަނގަޅެވެ."  

އޭނާ އެކަމަށް މަރުޙަބާ ކިޔެވެ. އަދި ފިރިމީހާ އަޅުގަނޑާއި ވަކިވުމުން ފައިސާގެ ގޮތުން ކުރިމަތިވާނެ ދަތިކަން ފިލުވައިދޭނެކަމަށްވެސް ބުންޏެވެ. އަދި އެއީ ހަދިޔާ ޕެކޭޖްގެ ތެރެއިންކަމަށްވެސް ބުންޏެވެ. އެހިސާބުން ހުރިހާ ހާސްކަމެއް ފިލައިފިއެވެ. އެންމެ ބޮޑު ހާސްކަމަކަށް އޮތީ ފްލެޓް ގަންނަން ނެގިލޯނު އެކުގައި އަދާނުކުރެވޭތީ އޮތް ކަންބޮޑުވުންކަމަށްވެފައި އޭނާ އެބުނި ގޮތަށް އެހީތެރިވެދޭނަމަ ލޯނުދެއްކޭނެތީ ވަރަށް ހިތްހަމަޖެހުނެވެ.  

ކޮންމެއަކަސް ޢިއްދައިގެ 3 މަހުގައި ދެމީހުން ބައްދަލެއް ނުކުރަމެވެ. ބައްދަލު ނުކުރިނަމަވެސް ފިރިމީހާ މަހަކު އަޅުގަނޑަށް ދެމުން އައިވަރަށް އޭނާ ރުފިޔާ ޓްރާންސްފަރކޮށްދިނެވެ. ދެމީހުން ބައްދަލުކުރީ ވަރިކުރިތާ 3 މަހާއި 3 ދުވަސްވެސް ފާއިތުވިފަހުންނެވެ. އަޅުގަނޑުގެ ފްލެޓުންނެވެ.  

ވާހަކަދައްކަން ތިބީވެސް މަންމައާއިއެކުގައެވެ. ގަޑިއެއްހާއިރު އެކުގައި ތިބެފައި އެކުވެރިޔާ އޭނާގެ ފޮތް ހުޅުވާލައި ޞަފްޙާތައް އުކަން ފަށައިފިއެވެ. މަންމަ ތެދުވެގެން ދާން އުޅުމުން ބުނީ މަންމަ ދާންޖެހޭނެ ވަރުގެ ވާހަކައެއް ނުދައްކާނެ ކަމަށެވެ.  

"އަހަރެމެން 3 މީހުން ފުރަތަމަ ބައްދަލުވި ބައްދަލުވުމުގައިވެސް އަހަރެންގެ ހިތް ޝަޒީގެ މައްޗަށް ލެނބިގެން ދިއައެވެ. އެއިރު އަހަރެންވެސް ދިއައީ ކައިވެންޏަކަށް ތައްޔާރުވަމުންނެވެ. ނަމަވެސް ފަހުން ފޫހިވެގެން ހުއްޓާލާފައި އެހުރި ގޮތަށް އަދިވެސް މިހުރީއެވެ. އެބާވަތުގެ އެއްވެސް ވާހާކައެއް ނުދައްކައި އިޝާރާތެއްވެސް ނުކޮށް މިހުރީ ދެލޯބިވެރިންގެ ދެމެދަށް ނުވަންނާށެވެ. ޢަމުދުން އެންމެ ގާތް އެކުވެރިޔާގެ އުފަލަށް ހުރަސް އެޅޭނެ ކަމެއް ނުކުރާށެވެ.  

އަހަރެންނަށް ބުނެވޭ ބަހަކުން ޝަޒީގެ ވިސްނުން ބަދަލުވިނަމަ އެކަންވީހީ އަހަރެންގެ ތަނަވަސްކަމުގެ ބޭނުންކޮށްގެންކުރި ކަމަކަށެވެ. ޝަޒީގެ ބޮލުގައި އެޅޭނީ ތަނަވަސްމީހަކު ލިބުމުން ލޯބިވެރިޔާއަށް ބޭވަފާތެރިވިކަމުގެ ތުހުމަތެވެ.  

އެކުވެރިޔާގެ ޢަމަލުތައް ހުރި ގޮތް ކުރިންސުރެވެސް އެންމެ ރަނގަޅަށް އެނގެއެވެ. ކިތަންމެ ރަނގަޅު އަންތބަކު ލިބުނަސް ގެންގުޅެން ނުއެނގޭނެކަން އެނގެއެވެ. ހިތް ނުފުރޭނެކަންވެސް އެނގެއެވެ. ތަނަވަސް މީހެއްގެ ދަރިއެކޭ ކިޔާފައި އެދެއްކީވެސް އަހަރެންގެ މުވައްޒިފެއްގެ ދަރިއެކެވެ. އެހުރިހާ ކަމެއްވެސް އެނގެއެވެ.  

ފުރަތަމަ ބޭނުމީ މަންމަގެ ރުހުމެވެ. މަންމަގެ ރުހުމާއި ހެޔޮދުޢާ އަހަރެންނަށް ލިބިއްޖެނަމަ މާދަމާވެސް ކައިވެނިކުރަންވީއެވެ. އަހަރެން އަހަރެންގެ މައިންބަފައިންގެ ގާތުގައި މިހާރުވެސް އަހައި އެމީހުންގެ ރުހުން ހޯދައިފީމެވެ."  

މަންމަ ބުނީ އޭނާއަކީ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ މީހަކަށްވެފައި ދެމީހުންގެ މެދުގައި އޮތް ގާތް ގުޅުން އެނގޭތީ ކައިވެންޏަށް ރުހި ޤަބޫލުކަމަށެވެ. އެހެންބުނުމުން އަނެއްދުވަހު ފޯމުލައި ޖެހިގެން އައި ރޭ ކައިވެނިކޮށްފީމެވެ.  

ކައިވެނިކުރީ އަޅުގަނޑުގެ ފްލެޓުގައެވެ. ކައިވެނީގެ ކަންކަން ނިމި ސައިބޮއިގެން މީހުން ދިއުމުން 3 މައިން ސިޓިންގރޫމްގައި ތިއްބައި ބެލްޖެހުމުން ފިރިމީހާ ގޮސް ދޮރުހުޅުވިއިރު ކުރީގެ ފިރިމީހާއެވެ. ހުރީ ސިފަވެސް ވަރަށް ބަދަލުވެފައެވެ. ހިކިއަނަރޫފަވެފައެވެ. މޫނުމަތިންވެސް ފެންނަނީ ބަލިކަށިކަމެވެ. 

ފިރިމީހާ އޭނާއަށް މަރުޙަބާކިޔައި ގެއަށް ވައްދައި ސައިދިނެވެ. ސައިހަދައިދިނީވެސް ފިރިމީހާއެވެ. ތިއައައީ ކައިވެންޏަށް މަރުޙަބާކިޔަންތޯ ސުވާލުކުރުމުން އަނގައައިން ނުބުނެ އިނދެފައި ސައިބޮއި ނިމިގެން އެހެން ފަހަރަކުން ބައްދަލުކުރާނެ ކަމަށްބުނެފައި ދިއައީއެވެ.  

ފަހުން އެނގުނު ގޮތުގައި އޭނާއައީ އަޅުގަނޑާއި އަލުންގުޅޭށެވެ. ނަމަވެސް ކަންކަންވެފައި އޮތް ގޮތް އެނގުމުން އަނގައިން ނުބުނެ ދިއައީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ މާޒީއެވެ. ދެންމިކިޔައިދެނީ މިހާރެވެ.  

މިއަހަރަކީ ކައިވެންޏަށް 5 އަހަރު ފުރުނު އަހަރެވެ. 2 ދަރިން ލިބިއްޖެއެވެ. ދިރިއުޅެނީ އަޅުގަނޑުގެ ފްލެޓް ކުޑަކަމުން ފިރިމީހާ ދާދިފަހުން ހުޅުމާލެއިން ގަތް ފްލެޓެއްގައެވެ. އިރާދަކުރެއްވިއްޔާ ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.  

އަޅުގަނޑުވެސް ބުނެލަން ބޭނުންވަނީ ﷲ އަށް ތެދުވެރިކަމުގަ އިނިއްޔާ ރަނގަޅު ގޮތް މިންވަރުކުރައްވަވާނެކަން އަޅުގަނޑަށްވެސް މިވަނީ ތަޖުރިބާ ކުރެވިފައެވެ. ދެވަނައަށް ކުރެވުނީ ކުރިން ދުވަހަކުވެސް އުންމީދުވެސް ކުރެވުނު ކައިވންޏެއް ނޫނެވެ. ނަމަވެސް ކަންކަން މެދުވެރިވިގޮތް ނިކަންދެކިބަލާށެވެ.

 

- ޝަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން