އިމާމުންނާއި މެދިމުން ހެދުންލައިގެން ތިބެންވީ ގޮތް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ގެޒެތްގައި ޝާއިޢުކޮށްފައެވެ. އިމާމުންނާއި މުދިމުންގެ މަސައްކަތަކީ ބަންގިގޮވމާއި ނަމާދުކުރުމެވެ. ވީމާ އިމާމުން ގެޒެތްގައިވާ ގޮތަށް ހެދުން ލައިގެން ތިބި ނަމަވެސް، އިމާމުން މިސްކިތުގައި ތިބެގެން އެހެން މީހުން ލައްވައި މިސްކިތްތަކުގައި ބަންގި ގޮއްވައި ނަމާދުކުރުވިނަމަވެސް އެކަން ޙަވާލުކުރަންޖެހޭނީ ގެޒެޓުގައިވާ ފޭރާމުގައި ތިބޭ މީހުންނާއިކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.
ނަމަވެސް ބައެއް މިސްކިތްތަކުން ފެންނަ ކަންކަން މުޅިން ތަފާތެވެ. މިޘާލަކަށް އަންހެނުން ހެދުންލާފަދަ މާޖެހި ފޮތިން ގަމީސް ލައިގެން ތިބޭ މީހުންލައްވައި އެބަ އިމާމްވެ ނަމާދުކުރުވައެވެ. އެފަދަ ގަމީސް ލައި ޖީންސްލައި އަދި ޖީންސުގެ ފައިކުރި އޮޅާފައި ތިބޭ މީހުން ލައްވައި އެބަ ބަންގި ގޮއްވައެވެ. ބޮލުގައި އެއްޗެއް ނާޅައިވެސް އެބަ ބަންގި ގޮވައެވެ.
އިމާމުންނަކީ އެހެން މީހުންނަށް ނަމޫނާ ދައްކަންޖެހޭ ބައެކެވެ. އެފަދަ ފޭރާންލައި ފައިކުރި އޮޅައިގެން އިމާމުން ނުވަތަ އިމާމްކަން ކުރާ މީހުން ތިބުމުން އެދެވެނީ ވަރަށް ނުބައި މެސެޖެތެކެވެ. މީސްތަކުންނަށް އަންގައި އެދެވެނީ އެއީ ހަމަ ރަނގަޅު ގޮތްކަމެވެ.
ނަމާދުކުރާއިރު އެނަމާދުގެ ޘަވާބުން އުނިވާގޮތަށް ފޭރާންލުމަކީ ނަމާދުކުރާ މީހުންގެ އަމިއްލަ ކަމެކެވެ. އެންމެންނަށް މަޖުބޫރެއްވެސް ނުކުރެވޭނެއެވެ. އެމީހަކު ކުރާ ނަމާދުގެ ޘަވާބުން ބައެއް އުނިވިޔަސް އެއީ އެމީހަކަށް މައްސަލައަކަށް ނުވާނަމަ އެއީ އެމީހެއްގެ ކަމެކެވެ. ނަމަވެސް އިމާމުންނާއި އިމާމުކަންކުރާ މީހުން (ބަންގިގޮވާ ނަމާދުކުރާ މީހުން) މިކަންކަމަށް ސަމާލުކަންދީ މީސްތަކުންނަށް ނަމޫނާ ދައްކަން ޖެހެއެވެ.
ރިވެތި އަޑުމަޚުރަޖުން ޤުރްއާން ކިޔަވަން އެނގުމާއި ބަންގިގޮވަން އެނގުމަކީ ﷲ ތަޢާލާ ދެއްވަވާ މަތިވެރި ޝަރަފެކެވެ. ޢިއްޒަތެކެވެ. އެފަދަ މަތިވެރި ނިޢުމަތް ދެއްވެވުމުން ނަމާދުގެ ޙުރުމަތް ކެނޑޭ ގޮތަށް ކަންކަން ކުރާނަމަ އެކުރެވެނީ ވަރަށް ދެރަ ކަމެކެވެ. ޝުކުރުވެރިވުމުގެ ބަދަލުގައި މަސައްކަތް އެކުރެވެނީ ނަމާދުގެ ޙުރުމަތް ކެނޑުމަށެވެ.
ވީމާ މިކަންކަމަށް ވިސްނާލުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ. މިކަން މިނިސްޓްރީ އާއި އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން މިޖެހުނީ މިފަދަ ތަކުރާރުކޮށް ބައެއް މިސްކިތްތަކުން ފެންނާތީއެވެ.
އިސްލާމިކް މިނިސްޓްރީން ގެޒެޓްކުރި ބަޔާން: (3 ވަނަ ޞަފްޙާ ބައްލަވާ ލައްވާ!)