އެއްބައަކު އެންމެ ރަނގަޅު ދީނެއް ހޯދަން މަސައްކަތްކުރަނީއެވެ. މަސައްކަތްކުރަމުން ގޮސް ސިކުނޑި ހުޅުވާލައިގެން ހުރެ ޤުރްއާނާއި ސުންނަތް ދިރާސާ ކޮށްފި ގިނަ ބައަކު ދަނީ އިސްލާމްވަމުންނެވެ. އެކަން މުޅި ދުނިޔެއިންވެސް އަންނަނީ ފެންނަމުންނެވެ.
ﷲ ތަޢާލާގެ ރަޙްމަތްފުޅުން އަހުރެމެން އުފަންވީ މުސްލިމް މައިންބަފައިންގެ ފުށުންނެވެ. ވީމާ އެންމެ ރަނގަޅު ދީނެއް ހޯދަން މަސައްކަތްކުރާކަށް ނުޖެހުނެވެ. މިތިބީ އެންމެ މަތިވެރި، އެންމެ ރަނގަޅު ދީނުގައެވެ. އަދި އެއީ ދީންކަމަށް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ހަމައެކަނި ދީނުގައެވެ. ސުވާލަކީ އެކަމަށްޓަކައި އެބަ ޝުކުރުވެރިވެވޭ ހެއްޔެވެ؟
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ހިތަށް އަސަރުކުރާނެއެވެ. އިސްލާމް ދީނުގައި ޘާބިތުވެ ހެޔޮ ޢަމަލުކުރަން ހިތްވަރުވެސް ލިބޭނެއެވެ. އިން ޝާ ﷲ
އޭނާ ނިޔުޔޯކުގެ މިސްކިތަކަށް ގޮސް އެއްވެސް ސުވާލެއް ކުރުމެއްވެސްނެތި ބޭނުންވީ ވަޤުތުން އިސްލާމްވާށެވެ. ޢަމަލުކުރަންވީ ގޮތް އެހުމުން ހިނައިގަނެގެން އައުމަށްބުނުމުން ހިނައިގަނެގެން މިސްކިތަށް އަރައި ޝަހާދަތްކިޔައި އިސްލާމްވީއެވެ.
އެއަށްފަހު ފަރުޟު ނަމާދުތަކަށް އޭނާ މިސްކިތުގެ ޖަމާޢަތަށްދެއެވެ. އޭނާ ނަމާދުކުރަންފެށިތާ 3 ދުވަހުގެ މަޣްރިބް ނަމާދު ނިމުނުތަނާ އޭނާ ނަމާދުކުރާލެއް ފުރިހަމަކަމުން މީހަކު ބުންޏެވެ. "ކަލެއަކީ އިހައްދުވަހު އިސްލާމްވި މީހެކެވެ. ކަލޭ ނަމާދުކުރާލެއް ހާދަފުރިހަމައެވެ. އަހަރެމެންނަށް މިއުޅެނީ ޢުމުރު ދުވަހު ނަމާދުކުރާއިއރުވެސް ތިއަހައި ފުރިހަމައަށް ނަމާދުނުކުރެވިގެންނެވެ." އެހެން ބުނެފައި އޭނާ އިސްލާމްވީ ސަބަބުގެ ވާހަކައިން ސުވާލުކުރުމުން ކިޔައިދިނެވެ.
"އަހުރެންނަކީ އެންމެ ރަނގަޅު ދީނަކީ ކޮބައިކަން ހޯދަން މަސައްކަތްކުރަމުން އައި މީހަކީމެވެ. ތަފާތު ދީންތައް އުނގެނެމުން ގޮސް ޤުރްއާނުގައި ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ބެހޭގޮތުން ހުރި އާޔަތްތައް ފެނުމުން ސަމާލުކަން ދެވުނެވެ. އެރޭވެސް އިސްލާމެއް ނުވަމެވެ. ގޮތެއް ނުނިންމަމެވެ. ނަމަވެސް އެރޭ ވަރަށް ގިނައިން ކަލާނގެއަށް ދުޢާކުރީމެވެ. އެއީ އެންމެ ރަނގަޅު ދީނަކީ ކޮބައިކަން އަންގަވައިދެއްވެވުން އެދިގެންނެވެ.
ކޮންމެއަކަސް އެރޭ ހުވަފެނުގައި ޢީސާގެފާނު ފެނުނެވެ. ވިދާޅުވީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބަޢަވުމަށެވެ. އެހެންވެ އެދުވަހު އަވަސްއަވަސްކޮށްލައިގެން އައިސް އިސްލާމްވީއެވެ."
މިވާހަކަ ކިޔައިދިނީ މަޣްރިބްނަމާދަށްފަހުގައެވެ. ޢިޝާނަމާދުގެ ޖަމާޢަތުގައި ބައިވެރިވިއެވެ. ފުރަތަމަ ރަކްއަތުގެ ފުރަތަމަ ސަޖިދައަށް ދިއަގޮތަށް ނުތެދުވިއެވެ. ނަމާދުކޮށް ނިމިގެން އޭނާއަށް ސަޖިދައިގައި އޮއްވާ ނިދުނީކަމަށް ބަލައި ގޮވާލުމުންވެސް ޖަވާބެއް ނުލިބުނީމާ ބެލިއިރު އޮތީ މަރުވެފައެވެ.
އޭނާއަށް ސުވަރުގެ ދެއްވެވިކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ނަމަވެސް ސަޖިދައިގައި އޮއްވައި މަރުވުމުން އެއީ ރަނގަޅު ނިމުމެއްކަމަށް ބުނެވެން އެބައޮތެވެ. އަހަރެމެން ގަދައަޅައި މަސައްކަތްކުރަންވީ ރަނގަޅު ނިމުމެއް ދެއްވެވުން އެދިއެވެ.
- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން