ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އއ. ރަސްދޫއަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު މާލެ އަތޮޅުގެ ބައެއް ރަށްރަށަށާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރަސްދޫއަށް ވަޑައިގަތުމާއެކު ރައީސަށް ވަނީ ރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ރަސްދޫ ކައުންސިލާއި، އަތޮޅު ކައުންސިލްގެ އިތުރުން އުކުޅަހު ކައުންސިލާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. އަދި ހަމައެހެންމެ ރަސްދޫގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ރޭވިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މާލެ އަތޮޅުގެ 3 ރަށަކަށާއި އއ. އަތޮޅުގެ 3 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ އއ. ތޮއްޑޫއަށެވެ. ރަސްދޫއަށްފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ އެ އަތޮޅު މަތިވެރިއަށެވެ. މަތިވެރީގައި ރައީސް ވަނީ އެރަށުގެ ކައުންސިލްގެ އިތުރުން ހިމަންދޫ، މާޅޮސް، ފެރިދޫ އަދި ބޮޑުފޮޅުދޫގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.
މާދަމާ ރައީސް ވަޑައިގަންނަވާނީ ކ.އަތޮޅުގެ ގާފަރު، ހުރާ އަދި ހިންމަފުށްޓަށެވެ. މި ރަށްރަށުގައިވެސް ރައީސް ވަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.