އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނަށް ރަށުގައި ތިބެގެން ލިބޭނެ މަގުފަހިކޮށްދެއްވައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ވަޞީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ތޮއްޑޫގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން މަގުފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ތޮއްޑޫއަކީ ވަރަށް މަސައްކަތްތެރި، މުރާލި އާބާދީއެއް އޮތް ރަށެކެވެ. އަދި ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމަކީ ތޮއްޑޫގައި އެންމެ ދުވަސްވީ އެންމެ މުހިންމު ދާއިރާތައް ކަމުގައި ފާހަގަކުރެއްވިއެވެ. މި ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން އިސްކަންދެއްވައި، މަގުފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ތޮއްޑޫގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ބަޖެޓުގައި ތޮއްޑޫގެ މަގުތައް ހެދުމާއި، ސިއްޙީ މަރުކަޒު ފުޅާކުރުމާއި، ސްކޫލް އެއް ދަންފަޅިއަށް ބަދަލުކޮށް އޭލެވެލްއަށް ޖާގަ ހެދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ސިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ ޙާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މަރުކަޒުގެ ހިންގުމަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.