އިސްލާމިކް ކެލިގްރަފީގެ ހުނަރުވެރި ދަރިވަރަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިރުރު ފުރުސަތުތަކެއް ހޯދައިދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އިސްލާމިކް ކެލިގްރަފީގެ ހުނަރުވެރި ދަރިވަރަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިރުރު ފުރުސަތުތަކެއް ހޯދައިދެނީ

ކީރިތި ޤުރުއާން ލިޔުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން އާދަޔާ ޚިލާފު ފަންނުވެރިކަން ދައްކާލި ދަރިވަރު ހުސައިން ނާއިޝްއަށް އިތުރު ހުނަރު ދަސްކޮށްދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެހީތެރިވެދޭނެކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިއްޔެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައި ވަޒީރު ޑރ. ޝަހީމް، ހުސައިން ނާއިޝްއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، އިންޝާ ﷲ ނާއިޝް އެދުނު ގޮތަށް، މި ދާއިރާއިން އޭނާއަށް ބޭނުންވާ އިތުރު ހުނަރު ދަސްކޮށްދިނުމަށް މިނިސްޓްރީން އެހީތެރިވެދޭނެ ކަމަށެވެ.

"ނާއިޝް ސްކޫލް ނިންމުމުން، ޤުރުއާން މަރުކަޒުގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ޙަވާލުކުރާނަން," ވަޒީރު ވިދާޅުވިއެވެ.



މީގެ އިތުރުން، ރާއްޖޭގައި މި އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓޭނެކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

"އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް މި ދަރިވަރަށް ހޯދައިދޭނަން. އަދި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާނަން," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުޤުވެރިކަން ހުރި ހުރިހާ ކުދިންނަށްވެސް މިފަދަ ފުރުޞަތުތައް ހުޅުވާލެވިފައިވާ ކަމަށެވެ.

މި ފިޔަވަޅަކީ ދިވެހިރާއްޖޭގައި އިސްލާމިކް ކެލިގްރަފީގެ ފަންނު ކުރިއެރުވުމަށާއި، ޒުވާން ޖީލުގެ ހުނަރުވެރި ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން