މާލެ ސަރަހައްދުގެ ސްކޫލްތަކުގައި މަތީ ސާނަވީއަށް އިސްލާމް މާއްދާ ކިޔަވައިދޭ މުދައްރިސުންނަށް އަމާޒުކޮށްގެން އެމްއެމްއޭ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތައް ގުޅިގެން ސެޝަނެއް ހިންގައިފިއެވެ. ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ނަމަކީ "ޕްރެކްޓިކަލް އިންސައިޓްސް: އިސްލާމިކް ފައިނޭންސް ފޯ އެޑިއުކޭޓާސް"އެވެ.
މި ސެޝަންގެ މަގުސަދަކީ ކިޔަވައިދިނުމުގައި ރާއްޖޭގެ ކޮންޓެކްސްޓަށް ގުޅޭނޭހެން އަދި މިހާރު ރާއްޖޭގައި އިސްލާމިކް ފައިނޭންސިން ފޯރުކޮށްދެމުންދާ އިންސްޓިޓިއުޝަންތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާ ކަންތައްތައް މުދައްރިސުންނަށް ކިޔައިދީ އެ މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސާ ގުޅޭ އެންމެ އަދާހަމަ އަދި ރަނގަޅު މައުލޫމާތު ފޯރުވައިދިނުމެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވާހަކަފުޅު ދެއްކެވިއެވެ. ގަވަރުނަރުގެ ވާހަކައިގައި އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއެރުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާކަމަށާއި މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަންވީ އިސްލާމިކް ފައިނޭންސަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވިދާޅުވިއެވެ. ގަވަރުނަރު އިތުރަށް ވިދާޅުވީ ސްކޫލް ނިންމާ ދަރިވަރުންނަށް މި މައުލޫމާތު އެނގުން ވަރަށް މުހިންމު ކަމަށެވެ.
"ދަރިވަރުންނަށް އިސްލާމިކް ފައިނޭންސިން އެނގުން ވަރަށް މުހިންމު. މާދަމާގެ ޖީލަށް އިސްލާމިކް ފައިނޭންސިން އަޅުގަނޑުމެން ކިޔައިދޭންވީ. އިސްލާމިކް ފައިނޭންސިންގެ ސިފަތައް އެނގި އޭގެ ރަނގަޅުކަން ދަރިވަރުންނަށް ދަސްވެގެން އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއަރާނީ" ގަވަރުނަރު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މުދައްރިސުންނަށް އާންމުކޮށް ދަރިވަރުންގެ ފަރާތުން އިސްލާމިކް ފައިނޭންސިންއާ ގުޅޭގޮތުން އަމާޒުވާ ސުވާލުތަކަށް މައުލޫމާތު ފޯރުކޮށްދެވުނެވެ. އިސްލާމިކް ބޭންކިން އާއި ކޮންވެންޝަނަލް ބޭންކިން އަދި އިންޝުއަރެންސް އަދި ތަކާފުލްގެ ތަފާތު ކިޔައިދީ ޕްރެކްޓިކަލީ ރާއްޖޭގައި އެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތްތައް ޓީޗަރުންނަށް ވަނީ އޮޅުން ފިލުވައިދެވިފައެވެ.
މި ޕްރޮގްރާމްގައި އެމްއެމްއޭގެ އިތުރުން، މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް، ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް، އެޗްޑީއެފްސީ، އަމާނާ ތަކާފުލް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަޔާދީ ތަކާފުލް އިން ބައިވެރިވެ މައުލޫމާތު ފޯރުކޮށްދިނެވެ.