ޢިބްރަތްތެރި ވާހަކަ: އަނބިމީހާއަކީ ނިކަމެއްޗަކަށްވުމުން އެންމެ ނިކަމެތި ޙާލު ޖެއްސި ފިރިއަކަށް މާނިކަމެތި ޙާލުޖެހި އަނބިމީހާއަށް އާދޭސްކުރަން ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 33ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާއަކީ ނިކަމެއްޗަކަށްވުމުން އެންމެ ނިކަމެތި ޙާލު ޖެއްސި ފިރިއަކަށް މާނިކަމެތި ޙާލުޖެހި އަނބިމީހާއަށް އާދޭސްކުރަން ޖެހުނު ގޮތުގެ ވާހަކަ-

އަޅުގަނޑުމެންވެސް ކައިވެނިކުރީ ހަމަ ތިބެފައެއް ނޫނެވެ. ލޯބިވެގެން އެކުގައި އެތައް ދުވަހަކު އުޅެފައެވެ. ކައިވެނިކޮށްގެން ދިރިއުޅުނީ ފިރިމީހާގެ ފްލެޓެއްގައެވެ. ފްލެޓް ހުންނަނީ ގޭގެ 4 ވަނަ ބުރީގައެވެ. ލިފްޓެއް ނުހުރެއެވެ.  

ބޭނުންވާ ތަކެތި ގަންނަން ފިރިމީހާއެއް ނުދެއެވެ. ބާޒާރުކުރުން އޮންނަނީ އަޅުގަނޑުކުރަންޖެހޭ ކަމަކަށް ހަދައިފައެވެ. އެހެންވެ ކިތަންމެ ބުރަވީނަމަވެސް އެއްޗެތި ހިފައިގެން ސިޑިން އަރަންޖެހެނީ އަމިއްލައަށެވެ. އެއްޗެތި ގަނެގެން އައިސް ތިރީގައި ހުރެ ގުޅާފައި ފިރިމީހާ ގާތުގައި އެހީތެރިވެދޭން ފައިބަން ބުނިނަމަވެސް ދައްކާނީ ކޮންމެވެސް ޢުޒުރެކެވެ. ދުވަހަކުވެސް އެހީތެރިއެއް ނުވެއެވެ.  

ކައިވެންޏަށް އަހަރުވެގެންދިއައިރު އެތައް ކަމަކުން ފިރިމީހާ ވަނީ އަޅުގަނޑަށް ސަމާލުކަން ކުޑަކޮށްލައިފައެވެ. އެހެންވެ ފިރިމީހާ އަޅުގަނޑު ދެކެ ލޯބިވާ ކަމާއިމެދު އައީ ސުވާލު އުފެދެމުންނެވެ. އެހެންވެ އެކަމާއި ވާހަކަދައްކަން އުޅުނަސް ފިރިމީހާ ސަމާލުކަމެއް ނުދެއެވެ. އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ. 

ކައިވެނީގެ 3 ވަނަ އަހަރު އަވަށްޓެރި ޒުވާނަކު އަޅުގަނޑަށް ސަމާލުކަންދޭން ފެށިއެވެ. އަޅުގަނޑު ކުރާ ކަންކަމަށް ފާރަލާން ފެށިއެވެ. ބާޒާރުކޮށްގެން އަންނައިރު ތިރިގައި ހުރެ އެއްޗެތި އުފުލައިދިނުން ފަދަ ކަންކަން ކޮށްދޭން ފެށިއެވެ.  

އެއްދުވަހަކު ދެމީހުން އެކުގައި ސިޑިން އަރަނިކޮށް ފިރިމީހާ ބޭރަށްދާން ސިޑިން ފައިބަނިކޮށް ބައްދަލުވިއެވެ. އަނގައަކުން ނުބުނެއެވެ. ދިއަގޮތަށް ދިއައީއެވެ. މޫނުމަތިން އެކަމަށް ހިތްހަމަނުޖެހިފައިހުރިކަން އެނގުނެވެ.  

އެރޭ ގެއަށް އައިސް އެވާހަކަ ދައްކައި ބާޒާރުކޮށްދޭނެ މީހަކު ހޯދީތޯ ސުވާލުކުރުމުން ބުނީމެވެ. "އެއްވެސް މީހަކު ހޯދީއެއް ނޫނެވެ. އެހައި ބުރަކޮށް ސިޑިން އަރަން އުޅޭތަން ފެނިގެން އޭނާ އެހީތެރިވީއެވެ. އޭނާވެސް އުޅެނީ ހަމަ މިފްލޯގައެވެ. އެއީ ދުރުން އައި މީހެއް ނޫނެވެ."  

ފިރިމީހާގެ ޖަވާބަކަށްވީ އެހެންވީމާ ހުރިހާ ކަންކަމުގައިވެސް ދެން އޭނާގެ އެހީތެރިކަން ހޯދައިގެން އުޅޭށެވެ. ތިއައިނީ ވަރިކޮށްފައެވެ. ނުކުމެގެންދާށެވެ. 

އަޅުގަނޑަށް ގޮތް ހުސްވިއެވެ. އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. މާލޭގައި ތިމާގެ މީހަކުވެސް ނުއުޅެއެވެ. ކަމެއް ކޮށްދޭހައި ގާތް އެކުވެރިންނެއްވެސް ނުތިބެއެވެ. ދާނީވެސް ކޮންތަނަކަށްކަން ނުވިސްނޭތީއެވެ. އެކަމަކުވެސް އެފަދަ އަނިޔާވެރި ފިރިއެއްގެ ކުރިމަތީގައި ކަރުއެލުވާލަން ބޭނުން ނުވާތީ ބޮޑު ރަތް 2 ކޮޅަށް އެއްޗެތިކޮޅު އަޅާލައިގެން ވަޤުތުން ގެއިން ނުކުތީމެވެ.  

ނުކުމެ ސިޑިން ފައިބަން އުޅެމުން ގެއިން ދާވާހަކަ އަޅުގަނޑަށް އެހީތެރިވެދޭ ޒުވާނާ ގާތުގައި ބުނެލަންޖެހޭނެ ކަމަށް ވިސްނުނެވެ. އެހެންވެ ގޮސް އެ އެޕާޓްމަންޓްގައި ޓަކިޖެހީމެވެ. ދޮރުހުޅުވީ މުސްކުޅި ޢުމުރުގެ އަންހެނެކެވެ. އޭނާ ގާތުގައި "ތިއައީ މުޙައްމަދުގެ މަންމަތޯ" ސުވާލުކުރުމުން ބުނީ ދައްތަ ކަމަށެވެ. މުޙައްމަދު ގޭގައި އުޅޭތޯ ސުވާލުކުރުމުން ގެއަށް ވައްދައި ގޮނޑިއެއްގައި ބައިންދާފައި އެކުވެރިޔާއަށް ގޮވައިދިނެވެ.  

ދެމީހުން ބައްދަލުވެ މިފަދަ ގަޑިއެއްގައި ކުއްލިއަކަށް ގެއަށް ތިއައައީ ކަމަކު ޖެހިގެންތޯ ސުވާލުކުރުމުން އެއްވެސް ކަމެއް ބޭނުންވެގެން ނޫންކަމަށް ބުނުމަށްފަހު ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. އެވަޤުތު ޖޫސްތަށްޓެއް ހިފައިގެން އައި ދައްތައަށް އަޅުގަނޑު ދެއްކި ވާހަކަތައް އަޑު އިވުނީމާ ޖަވާބުދިނީ ދައްތައެވެ. "މިދަންވަރު ދާނެ ތަނެއް ނެތި ނުކުމެގެން ނުދާށެވެ. އަހަރެންގެ ދަރިފުޅު މިއަދު ކިޔަވަން ފުރައިފިއެވެ. އެކޮޓަރި ހުރީ ހުހަށެވެ. އެކޮޓަރީގައި ނިދާށެވެ. ދާންބޭނުމިއްޔާ ތަނެއް ހޯދައިގެން މާދަމާ ދުވާލުދާށެވެ."  

އެވަރަކުންވެސް ފުއްދައެއް ނުލައެވެ. ދެކޮތަޅު ހިފައިގެންގޮސް އެކޮޓަރިއަށް ވެއްދިއެވެ. ދެކުދިން ވާހަކަ ދައްކަން ތިބެލާފައި ގޮސް ފެންވަރާލައިގެން އަރާމުކޮށް ނިދާލަން ބުނެފައި ބުންޏެވެ. "ދައްތައަކީ ތިއައަށްވުރެ މާދަތި ޙާލުގައި މަގުމަތިވާންޖެހުނު އަންހެނަކީމެވެ. ބަނޑަށް 8 މަހުގައެވެ. ވީމާ މިއީ އަހަރެމެން އަންހެނުންނަށް ކުރިމަތިވާ ވަރަށް ޢާންމު ކަމެކެވެ. ދައްތަ ހިތްވަރު ހޯދީ ރޭއަޅުކަމާއި ދުޢާއިންނެވެ. ކޮއްކޮވެސް ﷲ އާއި ގުޅުން ބަދަހިކުރާށެވެ. މާ އުފާވެރި ޙަޔާތެއް ދެއްވަވާނެތެވެ. އިން ޝާ ﷲ."  

އަދިވެސް ބުންޏެވެ. "މިތަނަކީ ދައްތަގެ (ދެވަނަ) ފިރިމީހާ ކުއްޔަށް ހިފާފައި ހުންނަ ތަނެކެވެ. އޭނާ މަސައްކަތްކުރަނީ ރިޒޯޓެއްގައެވެ. އަންނާނީ ކޮންމެ 2 ހަފްތާއަކުންނެވެ. ދަރިފުޅު ފުރީމާ މިތަނުގައި އުޅެންތިބީ އަހަރެމެން ދެބެއިންނެވެ. ކޮއްކޮ މިގޭގައި ކިތަންމެ ދުވަހަކު އިނަސް އުނދަގުލެއް ނުވާނެއެވެ. ދައްތަ އެކަނިވެސް ފިލާނެއެވެ. ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. ދައްތަ ނިންމާ އެއްވެސް ކަމަކަށް ބަހެއް ނުބުނާނެއެވެ."  

ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބެލާފައި ކޮޓަރިއަށް ވަދެ ނިދީއެވެ. އާދައިގެ މަތިން 3 ޖެހިތަނާ ހޭލެވިއްޖެއެވެ. ދަމުނަމާދުކޮށް ދުޢާކުރުންމަތީގައި ފަތިސްވަންދެން އިނީމެވެ. އަނެއްދުވަހު ހެނދުނު ސައިބޯން ތިބެގެންވެސް ދައްތަ ބުނީ އެގޭގައި އިނދެދިނުމަށް އެދޭކަމަށެވެ. "ދައްތަ އަކީ ބަލި މީހެކެވެ. ހަށިގަނޑު ރީތިކޮށް ފެނުނަސް ނުތެދުވެވޭ ދުވަސްވެސް އައުދެއެވެ. މިގޭގެ ކަންކަން ބަލަހައްޓާލައިގެން އިނދެދިނިއްޔާ ވަރަށް ރަނގަޅެވެ. ގޮތެއް ފެނުނު ދުވަހަކުން ކައިވެނިކޮށްގެން ދާންވީމާ ދާނީއެވެ."  

ދައްތަގެ ބަސް ޤަބޫލުކޮށްގެން އެގޭގައި އިނީމެވެ. އެންމެ އަސަރުކުރަނީ ފިރިމީހާ ހިލޭ އަންހެނުންނާއިއެކު އައިސް ގެއަށް ވަންނަތަން ފެންނާތީއެވެ. ނަމަވެސް ފެންނަ ކަމަށްވެސް ނުހަދަމެވެ. އެމީހަކަށް ދައްކަވަން އިރާދައިގައި ހުރިތަނެއް ދައްކަވާނެކަން ޤަބޫލުކުރީމެވެ.

އެހެން އިންދައި ގެއަށް އައިސް އުޅުނު ދައްތަގެ ތިމާގެ ޒުވާނަކު އަޅުގަނޑާއި ގުޅެން ބޭނުންވެގެން ދައްތަ ގާތުގައި އެދުނީމާ އެވާހަކަ އަޅުގަނޑު ގާތުގައި ބުންޏެވެ. އަޅުގަނޑު ބުނީ ދައްތަގެ ކޮއްކޮ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވާނަމަ ކައިވެނިކުރަން ބޭނުންވަނީ ކޮއްކޮއާއި ކަމަށެވެ. ނޫންނަމަ ތިއަކަމަށް ހުރަހެއް ނެތް ކަމަށެވެ.  

ދައްތަ އެވާހަކަ ކޮއްކޮ ގާތުގައި ދެއްކުމުން ކޮއްކޮ ބުނީ އޭނާވެސް ހުރީ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން ކަމަށެވެ. އެވާހަކަ ދައްކަން ލަދުން ކަމަށެވެ. އެހިސާބުން ދައްތަ އަޅުގަނޑުމެންގެ ކައިވެނިކުރުވައިފިއެވެ.  

ކައިވެންޏަށް 8 އަހަރުވީއެވެ. ދިރިމިއުޅެނީ ހަމަ އެފްލެޓުގައެވެ. ނަމަވެސް ކުއްޔަކަށް ނޫނެވެ. ގެއަޅަން ނެގި ލޯނު ނުދެއްކިގެން އެފްލޯ ވިއްކާލަން އުޅުމުން ފިރިމީހާ ވަނީ އެފްލޯ ގަނެފައެވެ. ފިރިމީހާ އުޅުނު އެޕާޓްމަންޓް ކުއްޔަށް ހިފީ އޭނާއެވެ. ނަމަވެސް ކުލި ނުދެއްކިގެން ނުކުންނަން ޖެހުނު ދުވަހު އަޅުގަނޑާއި ބައްދަލުކުރިއެވެ. އަޅުގަނޑު ދިން ޖަވާބަކީ ފްލޯގަތީ އަޅުގަނޑު ނޫންކަމަށާއި ފިރިމީހާ ކަމަށެވެ. ފިރިމީހާ ބުނީ ކުލި ނުދެއްކޭ މީހަކަށް ދީގެން ހުރުމަށްވުރެ މިސްކިތެއްގެ އިމާމަކު ހުންނަން ހިލޭ ދިނިއްޔާ ނޫނީ ޤުރްޢާން ކިޔައިދޭ އެދުރަކަށް ދިނިއްޔާ މާފައިދާކުރާނެ ކަމަށެވެ. 

ކޮންމެއަކަސް ﷲ އިރާދަފުޅުން އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. ފިރިމީހާއަކީ އިންތިހާއަށް ތަޤްވާވެރިއެކެވެ. އެހެންވެ ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. ފިރިމީހާގެ އަޅައިލުން އިންތިހާއަށް ލިބެއެވެ. އަލްޙަމްދުލިﷲ  

އަޅުގަނޑު ބުނެލަން ބޭނުންވަނީ ވަރިކުރުމުގެ ބާރާ ގެދޮރު ހުރީތީ އަނބިމީހާއަށް ހިތުހުރި ގޮތެއް ހަދައި ނިކަމެތިކޮށްލާއިރު އެ އަނބިމީހާއަކީވެސް ﷲ ގެ އަޅެއްކަން ދަންނާށެވެ! އަނިޔާވެރިކަމުގެ ރަހަ ފޮންޏެއް ނުވާނެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކައިން ޢިބްރަތެއް ލިބޭނެކަމަށް އުންމީދުކުރަމެވެ.

 

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން