މާދަމާއިން ފެށިގެން ރާއްޖޭގެ 4 ރަށަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކ. ގާފަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އިންތިޒާމު ހަމަޖެހޭ 4 ރަށަކީ ކ. ހިންމަފުށި، ގދ. ކޫއްޑޫ، ނ. ފެލިވަރު އަދި ސ. ހުޅުމީދޫއެވެ. މީގެ އިތުރުން، ކޫއްޑޫ އަދި ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެމަނިކުފާނުގެ ވަޢުދެކެވެ. މި ގޮތުން، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ޖުމްލަ 19 ރަށެއްގައި މި އިންތިޒާމު ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ.
މި ފިޔަވަޅަކީ މަސްވެރިންނަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއް ކަމަށާއި، މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މި އިންތިޒާމުގެ ސަބަބުން މަސްވެރިންނަށް ތެލުގެ ޚަރަދު ކުޑަވެ، އެ ފަރާތްތަކުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެއެވެ.