'ސައިބަރ އެކްސްޕޯ 2024' މި މަހުގެ 11ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މި އެކްޕޯ ކުރިން ބާއްވާން ނިންމާފައިވަނީ މި މަހުގެ 10 އިން 12ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އެކްސްޕޯ އޮންނާނީ 11 އިން 13ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިިފައިވާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެކެވެ. މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.
އަދި މި އެކްސްޕޯ ވެގެންދާނީ ސައިބަރ ސެކިއުރިޓީއަށް ބޭނުންކުރެވޭ ގެޖެޓްސްތަކާއި ސަރވިސްތައް އެއްތަނަކުން ބަލާލެވޭނެ އަދި އާއްމުކޮށް ކުރިމަތިވާ ސައިބަރ އެޓޭކްސްތަކާއި މިފަދަ އެޓޭކްސްތައް ހުއްޓުވަން ކުރެވިދާނެ ކަންކަމާމެދު މި ދާއިރާގެ ފަންނީ މާހިރުންނާ މަޝްވަރާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށެވެ.
އެކްސްޕޯ ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ފަސް ފަރާތަކާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފަވާއިރު މި އެކްސްޕޯގެ ބްރޯންޒް ޕާޓްނަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ނައުފަލްއެވެ. ބޭންކިންގ ޕާޓްނަރ، މޯލްޑިވްސް އިސްލާމިކް ބެންކުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ. މީޑިއާ ޕާޓްނަރ، ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދުއެވެ. ޓެލެކޮމިއުނިކޭޝަން ޕާޓްނަރ، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދުއެވެ. އަދި ކޭޓަރިންގ ޕާޓްނަރ، ޕާކްސައިޑްގެ ފަރާތުން ސޮއިކުރެއްވީ ޕާކްސައިޑްގެ ވެރިޔާ އަލީ ތައުފީޤްއެވެ.
ހަބަރު: ސަރުކާރު