ޤައުމީ އެސެސަރުންގެ ތަރައްޤީއަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ފަހި މުސްތަޤުބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް: ޑރ.މާރިޔާ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 14ސ
ޤައުމީ އެސެސަރުންގެ ތަރައްޤީއަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ފަހި މުސްތަޤުބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް: ޑރ.މާރިޔާ

ޤައުމީ އެސެސަރުންގެ ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުމަކީ ދިވެހިރާއްޖޭގެ އުޖާލާ މުސްތަޤުބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއްކަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ނޭޝަނަލް އެސެސަރ ޓްރެއިނިންގް ޕްލޭން ތަޢާރަފުކުރުމަށް، މިއަދު ހެނދުނު ހ. މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ތަޢާރަފުކުރެވުނު ޤައުމީ އެސެސަރުން ތަމްރީނުކުރުމުގެ ޕްލޭނަކީ ހަމައެކަނި ލިޔުމެއް ނޫންކަމަށާއި، މިއީ މިހާރު ރަޖިސްޓްރީވެފައިވާ އެސެސަރުންނަށާއި އަދި ކުރިމަގުގައި މި ދާއިރާއާ ގުޅޭނެ ފަރާތްތަކަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ޕްލޭނެއްކަމަށެވެ. އަދި މި ޕްލޭނުން ސީދާ އަމާޒުކުރަނީ ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމަށްކަމަށާއި، އެއީ އެކި ދާއިރާތަކުގައި ހުނަރުތައް އިމްތިހާނުކޮށް، ވަޒަންކޮށް، އަދި ސަނަދު ދެވޭނެ ފެންވަރު ރަނގަޅު އެސެސަރުން އުފެއްދުމާއި ތަރައްޤީކުރުންކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަމާޒަށް ވާސިލްވުމަށްޓަކައި މިހާރުވެސް ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ. އެގޮތުން މިވަގުތު އެމްއެންއެސްޑީއޭގައި 201 ޤައުމީ އެސެސަރުން ރަޖިސްޓްރީވެފައިވާއިރު، މިއީ އެކި ދާއިރާތައް ތަމްސީލުކުރާ އަދި ޤައުމުގެ ތަޢުލީމީ ނިޒާމަށް ތަޖުރިބާއާއި ހުނަރު ގެނެސްދޭ ބައެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި އެސެސްމަންޓް އޮނިގަނޑުގެ ފެންވަރު އިތުރަށް މަތިކުރުމަށްޓަކައި، ފުރިހަމަ ތަމްރީނު މެނުއަލެއް އެކުލަވާލައި، އަދި 29 ޓްރެއިނިންގ އޮފް ޓްރެއިނަރުން ތަމްރީނުކުރުމަށް އިންވެސްޓްކޮށްފައިވާކަމަށް ވިދާޅުވިއެވެ. މި ޓްރެއިނަރުންނަކީ ދެމެހެއްޓެނިވި ހުނަރު ތަރައްޤީކުރުމުގެ ސްޓްރެޓެޖީގައި މުހިންމު ދައުރެއް އަދާކުރާނެ ބައެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޕްލޭނަކީ ދިވެހިރާއްޖޭގައި ފަންނީ ހުނަރުވެރި މަސައްކަތްތެރީން ބިނާކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނޭޝަނަލް އެސެސަރުންގެ މަސައްކަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމަށްޓަކައި ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލައިފައިވާ ޕްލޭނެކެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ތަޢުލީމާއި ހުނަރު ތަރައްޤީކުރަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ވޯލްޑް ބޭންކަކީ ދެމިހުރި ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ޚިދުމަތްތަކާއި ޒުވާނުންގެ ވަޒީފާއަށް ޤާބިލުކަން އިތުރުކުރުމާއި ކެރިފޯރުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢު ފަދަ މަޝްރޫޢުތަކުގެ ޒަރީޢާއިން، އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވޯލްޑް ބޭންކުން މުހިންމު މާލީ އެހީތެރިކަމާއި ތަޖުރިބާަޖުރިބާ ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި، އެ ފަރާތަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހްރާ މުޙައްމަދު، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ސީއީއޯއިން، އަދި މެނޭޖިންގ ޑިރެކްޓަރުންނާއި، ވޯލްޑް ބޭންކް ޓީމާއި ނޭޝަނަލް އެސެސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި އެމް.އެން.އެސް.ޑީ.އޭއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި، އެ އޮތޯރިޓީގެ ސީ.އީ.އޯ. ޑރ. ޒަހްރާ މުޙައްމަދު ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވިއެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް އެސެސަރ ޓްރޭނިންގް ޕްލޭން ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާއެވެ.

މިއަދު އޮންލައިން