ސައިބަރ ކްރައިމް ކުށުގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސައިބަރ ކްރައިމް ކުށުގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ފާސްކޮށްފި

ސައިބަރ ކްރައިމް ކުށުގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވުނު ޖަލްސާގައި ފާސްކޮށްފިއެވެ. މި ބިލު ފާސްކުރެވުނީ 58 މެންބަރުންގެ ވޯޓުންނެވެ.

މި ބިލު ހުށަހެޅުއްވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމެވެ. މި އިސްލާހުގެ ދަށުން ޤާނޫނުލްޢުޤޫބާތަށް 240 ވަނަ ބާބު އިތުރުކުރެވި، ސައިބަރ ކްރައިމްގެ ގޮތުގައި ބެލެވޭ އެކި ބާވަތުގެ ކުށްތައް ކަނޑައެޅިފައިވެއެވެ.

މި އިސްލާހުގެ ދަށުން ކުށުގެ ގޮތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ ތެރޭގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަށް އެކްސެސްވުމާއި، ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓް އަދި އިންޓަފިއަރ ކުރުމާއި، ސައިބަރ ވަޔަލަންސްއާއި، ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީ އަދި އޮޅުވާލުމާއި، ކޮޕީރައިޓަށް އަރައިގަތުން ހިމެނެއެވެ.

ސައިބަރ ވަޔަލަންސްގެ ތެރޭގައި ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިޢުކުރުމާއި އުފެއްދުމާއި، އޮރިޔާންކާޑު އާންމުކުރުމާއި، ސައިބަރ ސްޓޯކްކުރުން ފަދަ ކަންތައްތައް ހިމެނިފައިވެއެވެ.

މި ބިލުގެ އިތުރުން އިތުރު 3 ބިލެއް ވެސް މިއަދުގެ ޖަލްސާގައި ފާސްކުރިއެވެ. މި ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުން ޤާނޫނުތަކަށް ބަދަލު އަންނާނެއެވެ.

މި އިސްލާހުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ސައިބަރ ކްރައިމްއާ ދެކޮޅަށް ޤާނޫނީ ގޮތުން އަޅާ ފިޔަވަޅުތައް ވަރުގަދަވެ، މިފަދަ ކުށްތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން