މަސްވެރިންގެ ގައުމީ ދަފްތަރާގުޅޭ ގަވާއިދު މި ހަފްތާގައި ގެޒެޓް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ދަފްތަރު އެކުލަވާލެވުނީ މަސްވެރިންނަށް އެހެން ވަޒީފާތަކުގައި ތިބޭ މީހުންނަށް ލިބޭ ފުރުސަތުތައް ނުލިބޭކަމުގެ ޝަކުވާ އޮތުމުން، މި މައްސަލައަށް ހައްލެއް ހޯދުމަށެވެ.
އަދި މި ގަވާއިދު ގެޒެޓް ކުރެވުމުން، މަސްވެރިންނަށް ބޭންކްތަކުންނާއި އެސްޓީއޯގެ ސްކީމުތަކުން އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލެވިފައިވަނީ މަސްވެރިކަމަކީ ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މީގެ އިތުރުން، މި ދަފްތަރުގައި އެހެނިހެން މަސްވެރިކަމުގެ ބާވަތްތަކުގެ މަޢުލޫމާތުވެސް ހިމެނޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ގަވާއިދު ގެޒެޓް ކުރުމުން، ރާއްޖޭގެ މަސްވެރިންނަށް އިތުރު ފުރުސަތުތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެވެއެވެ.