އެއީ އަޅުގަނޑުގެ ތިމާގެވެސް އަންހެނެކެވެ. އަދި ކުޑައިރުންސުރެ އެންމެ ގާތް އެކުވެރިންގެ ތެރޭގައިވެސް ހިމެނޭ އަންހެނެކެވެ. ކައިވެނިކޮށްގެން އުޅުނީ އޭނާއަށް ނުލާހިކު ހެޔޮ އަދި ތަނަވަސް މީހަކާއިއެވެ.
އަޅުގަނޑު އުޅުނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ފިރިމިހާއަކީ މަސްވެރިއެކެވެ. ނަމަވެސް އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ދިރިއުޅެނީ ވަރަށް ލޯބިންނެވެ. މީހުންގެ ކުރިމަތީގައި ބައްދައި އޮޅުލައި ނުހެދިނަމަވެސް ފިރިމިހާގެ ވާހަކަތަކުން އެހެން މީހުންނަށް އެކަން އެނގޭނެއެވެ. ދުވަހަކުވެސް ބާރަށް ބަހެއްވެސް ނުބުނާނެއެވެ. މީހުންގެ ކުރިމަތީގައި އަޅުގަނޑަށް ވަރަށް ޤަދަރުވެސް ކުރާނެއެވެ.
އަޅުގަނޑުމެންގެ އަތުގައި ރުފިޔާ ނުހުންނާތީ ރަށުގެ ކެފޭއަކަށް ނުދަމެވެ. ނަމަވެސް ގޭދޮށު އަތިރިމަތީގައި ހުންނަ ޖޯލިފަތީގައި ހަނދުވަރު ބަލަން ތިބެމެވެ. އެކަމަށް ގިނަ ބައަކު ކަޅިވެސް އަލައެވެ.
ކޮންމެއަކަސް އެއްރޭ ނިދަން އުޅެނިކޮށް އޭނާ (އެއަންހެންމީހާ) އަޅުގަނޑުމެންގެ ގެއަށް އައިސް ރޯން ފަށައިފިއެވެ. އެތައް އިރެއްވަންދެން ރޮއިފައި ބުންޏެވެ. "އަހުރެމެން ދެމަފިރިންގެ ކައިވެނި ރޫޅުނުކަން އެނގޭހެއްޔެވެ؟" ނުއެނގޭކަމަށް ބުނުމުން ބުންޏެވެ. "3 ރޭކުރިން އަހުރެން ވަރިކޮށްފިއެވެ. ރުޖޫޢަކުރަން އެދި އާދޭސްކުރުމުންވެސް ޤަބޫލެއް ނުކުރިއެވެ. ހުސޭނު (އަޅުގަނޑުގެ ފިރިމިހާ) އަކީ ފިރިމިހާގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން މީހެކެވެ. މިއައީ ފިރިމިހާއަށް ވިސްނައިދޭން މަސައްކަތްކޮށްދޭތޯ އާދޭސްކުރާށެވެ!"
އެހެން ބުނާއިރަށް ފިރިމިހާ ބުންޏެވެ. "ސިޙުރު ހައްދުވައި ޖިންނި ޝައިޠޯނުން ލައްވައި ކަންކަން ކުރުވާ މީހުންގެ މައްސަލަތައް ޙައްލުކުރަން އެހީތެރިކަމަށް އެދެންވާނީވެސް ސިހުރުވެރިންގެ ގާތުން ނޫންހެއްޔެވެ؟"
ފިރިމީހާ އެހެން ބުނާއިރަށް އޭނާ ދިއައީ ސިއްސައިގެންނެވެ. މޫނަށް އެރި ރޫތައް ނުވެސް ފިލައި އެތައް އިރަކު ހުއްޓެވެ. ވާހަކަ ދައްކަން އުޅެއުޅެ އަޑު ބޭރެއް ނުވިއެވެ. އަނެއްކާވެސް ވާހަކަ ދެއްކީ ފިރިމިހާއެވެ. "ބަލަ ކަލޭ ތުއްތުބެ ގާތަށް ގޮސް ގަތް ގަނޑު އަހުރެންނަށް ވަނީ ހުވަފެނުން ފެނިފައެވެ. ކަލޭގެ ފިރިމީހާ ކަލޭދެކެ ވާލޯބި އިތުރުކުރުވަން ސިހުރު ހެއްދި ސަބަބު އެނގޭނީ ކަލެއަށެވެ. އެކަމާ ބެހޭކަށް ނެތީމެވެ. އެކަމަކު އަހުރެމެން ދެމަފިރިން ދުރުކުރުވަން ކަލޭ ސިޙުރު ހެއްދުވި ސަބަބެއް ނިކަން ބުނެބަލާށެވެ! ކަލޭމެން ކިތަންމެ ތަނަވަސްނަމަވެސް ކަލޭގެ ފިރިމިހާ ކިތަންމެ ތަނަވަސް ނަމަވެސް، އަހުރެމެން ދެމީހުން ކިތަންމެ އެކުވެރި ނަމަވެސް ދުވަހަކުވެސް އެންމެ ކުޑަމިނުން ބައިރުފިޔާއަކަށްވެސް އެދުނުތޯ ނިކަން ސުވާލުކޮށްބަލާށެވެ!
ދެން އޮތީ ކަލޭ އަހުރެންނާއި ގުޅެން ބޭނުންވުމެވެ. އެއީ ކީއްކުރަން ހެއްޔެވެ؟ ކަލޭގެ ފިރިމީހާއަކީ ރަށުގެ އެންމެ ތަނަވަސް އެކެކެވެ. ކަލެއަށް ނުލާހިކު ހެޔޮ މީހެކެވެ. އެހެންވީއިރު އޭނާ ދޫކޮށްލާފައި އަހުރެންނާއި ގުޅެން ބޭނުންވާންވީ ސަބަބެއް ނުވިސްނެއެވެ. އަހުރެމެން މިހެން އެކުގައި އުޅޭތަން ފެންނާތީ ހަސަދަވެރިވެ އަހުރެމެން ދެމަފިރިން ދުރުކުރުވަން ބޭނުންވުން ފިޔަވައެވެ."
އަދިވެސް ފިރިމިހާ ބުންޏެވެ. "އަހުރެންނަށް ފެނުނު ހުވަފެން ތެދުކަމުގައިވާނަމަ ސިޙުރު ހަދާފައި މިގެއަށް އެތައް ފަހަރަކު ޝައިޠޯނުން ފޮނުވީމާވެސް އެއެއްޗެއްސަށް މިގެ ނުފެނުނީމާ ރުޅިއައިސްގެން ކަލެއަށް ސިހުރު ޖެއްސުވީއެވެ. މިވާހަކަ ތުއްތުބެ ގާތުގަ ބުނާށެވެ. ބުނެގެން ތިއަކަމުން ސަލާމަތްވޭތޯ ދެންވެސް ބަލާށެވެ. ދެން ތިއަކަމާވެސް އަދި އެހެންކަމަކުވެސް މިގެއަށް ވަންނަން ނުހަދާށެވެ." ފިރިމިހާގެ ވާހަކަތައް އަޑުއަހާފައި އޭނާ ތެދުވެގެން ދިއައީއެވެ. އެންމެ ކުޑަމިނުން އަނގައިން ބަހެއްވެސް ނުބުނެ އިނދެފައެވެ.
ދެން އަޅުގަނޑުމެން ދެމަފިރިންގެ ވާހަކައެއްވެސް ބުނެލާނަމެވެ. އަޅުގަނޑުމެން ދެމަފިރިން ރޭއަޅުކަން ކުރަމުއެވެ. ހޭލައި ތިބެގެން ޚޛިކުރުވެސް ކުރަމުއެވެ. ފިރިމީހާ އެހުރީ އޭނާގެ އެއް ކިޑްނީ އޭނާގެ މަންމައަށް ހަދިޔާކޮށްގެންނެވެ. ވީމާ ތެދުހުވަފެނެއް ފެނުމަކީ ޙައިރާންވާންޖެހެންވީ ސަބަބެއް ނޫނެއް ނޫންތޯއެވެ؟
ސިޙުރާއި އެސްފިނާގެ ކަންކަމުގައި މިއަދުނޫހުގައި ލިޔާ ލިޔުންތައް އަޅުގަނޑުމެންވެސް ކިޔަމެވެ. އެހެންވެ އަޅުގަނޑުމެން ދެމަފިރިންނަށް ކުރތިމަތިވި ކަންކަމުގެ ވާހަކަވެސް ޙިއްޞާކޮށްލީއެވެ.
- ޛުލައިޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް