ދިވެހި މަސްވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް، އެދާއިރާއިން މަތީތަޢުލީމް ހާސިލްކުރަމާ ހިނގާ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 51ސ
ދިވެހި މަސްވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް، އެދާއިރާއިން މަތީތަޢުލީމް ހާސިލްކުރަމާ ހިނގާ

މިއަދަކީ މިއީ ޤައުމީ ފެންވަރުގައި ކޮންމެ އަހަރަކު ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. އާދެ، ޑިސެންބަރު މަހުގެ 10 ވަނަ ދުވަހެވެ. މުލަ ނަކަތުން 1 ވަނަ ދުވަހެވެ. އިރުވައި މޫސުމުގެ ފުރަތަމަ ދުވަހެވެ. ކުރީ ޒަމާނުގައި، އެއްވަރެއްގައި ޖެހޭ ރީތި ނަލަ ވައި އިރުމަތީ ފަރާތުން ޖެހޭ މޫސުމެއްގެ ފެށުމެވެ. ރިޔަލު ދޯނި ފަހަރުގައި މަސްވެރިކަން ކުރަން ފަހިމޫސުމެކެވެ.

މި ދުވަސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ވިސްނަންވީ އެއް ކަމަކީ، މަސްވެރިކަމަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެ މަސަކައްކަތެއްގެ މައްޗަށް ބަރޯސާވި އެއް މަސައްކަތްކަމެވެ. އަދި އެމަސައްކަތަކަށް އިޤްތިޞާދު ބިނާކުރުން އެންމެ އައުލާވެގެންވާ އެއް މަސައްކަތްކަމެވެ. އަޅުގަނޑުމެންގެ އެކްސްޓެންޑެޑް އިޤްތިޞާދީ ސަރަޙައްދު އެންމެ ފަސޭހައިން ބެލެހެއްޓި އެސަރަޙައްދުގެ ލާބަ އެންމެ ފަސޭހައިން، ކުޑަ އިންވެސްޓްމަންޓަކުން ހޯދިދާނެ އެއްގޮތަކީ، ކާބަފައިން ކުރަމުން އައިފަދައިން މަސްވެރިކަމުގެ މަސައްކަތް ދިރުވައިގެންކަމެވެ. އަދި އެ މަސައްކަތަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ އެތަކެއް އާދަކާދަ ރަމްޒުކޮށްދޭ އެއް މަސައްކަތްކަމާއި، އެކަން ތަރައްޤީކޮށް ތަހްޒީބުކޮށްގެން، ޓުވަރިޒަމްގެ ނަފާވެސް އެތައް ގުނައަކަށް އިތުރުކުރެވިދާނެކަމެވެ.

ދުވަސްތަކެއް ކުރިން، މަސްވެރިކަމަކީ ވަރަށް ދަށް މަސައްކަތެއްކަމަށް ދުށް މީހުން ވަރަށްވެސް ގިނައެވެ. އެއީ ކޮންމެ މީހަކަށްވެސް ފަސޭހައިން ކުރެވޭ މަސައްކަތެއްކަމަށް މީހުންނަށް ބެލެވުނީތީއެވެ. ނަމަވެސް، އެއިރުވެސް އަދި މިހާރުވެސް، ކަމުގެ މަޢުލޫމާތާއި، ކަނޑު، ފަޅު، ގިރި، ހައުތަކުގެ ފިޠުރަތު ދަންނަ މީހުން އެކަމަށް މާ ކުޅަދާނައެވެ. އަދި މިޒަމާނުގެ އާލާތްތައް މަސްވެރިކަމުގައި ދަނީ ބޭނުންކުރެވެ. އެހެންކަމުން، ޒަމާންތަރައްޤީވެ، ވިސްނުމާއި ހުނަރުތަރައްޤީވެ، ބޭނުންކުރާ އާލާތްތައް ޒަމާނީ ފެންވަރަށް ބަދަލުވެގެން ދިއުމުގެ ސަބަބުން މިއަދު މިވަނީ މަސްވެރިކަމަކީ ވެސް ކިޔަވައިގެން، އުގެނިގެން މެނުވީ ރަނގަޅަށް ނުކުރެވޭނެ މަސައްކަތަކަށްވެފައެވެ.

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް އިތުރުކޮށް، އެދާއިރާއިން މީހުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމަކަށް މިވަނީ ވެފައެވެ. އެގޮތުން މިހާރުވަނީ މިދާއިރާއިން މަތީތައުލީމް އުގެނުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި 1 ސެޕްޓެންބަރު 2024ގައި "މޯލްޑިވްސް ކޮލެޖު ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް "އުފައްދައި މަސްވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގައި މީހުން ތަމްރީން ކުރަން ވަނީ ފަށާފައެވެ. މި ކޮލެޖުން ބެޗްލަރ އޮފް މެރިން ސައިންސް ގެ އިތުރުން “މަސް ޕްރޮސެސް”ކުރަން ދަސްކޮށްދޭ ތަމްރީންތައް ވަނި ފަށާފައެވެ. އަދި މީގެ އިތުރުން މިހާރު ޒުވާނުންގެ ތެރޭގައި މަޤުބޫލްކަން ހޯދާފައިވާ، އަދި ފަތުރުވެރިކަމުގެ ދާއިރާގައިވެސް ނަންހިނގާ "ސްޕޯޓްސް ފިޝިންގ" ގެ ދާއިރާއިންވެސް މަތީތަޢުލީމް ޙާސިލް ކުރުމުގެ ފުރުސަތު އެ ކޮލެޖުންވަނީ ފަހިކޮށްދީފައެވެ.

ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން “ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް”ގެ ދަށުން ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ މަތީ ތަޢުލީމުގެ ކޯސްތަކަށް ފުރުޞަތު މިހަރުވަނީ ހުޅުވާލައިފައެވެ. މިގޮތުން 4 ދާއިރާއަކުން ކިޔެވުމަށް ޖުމްލަ 6 ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ފިޝަރީޒް ޕޮލިސީ ދާއިރާއިން މާސްޓާސް ޑިގްރީ ޙާސިލުކުރުމުގެ ފުރުސަތު 1 ފަރާތަކަށް ހުޅުވާލައިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި 2000 އަށްވުރެން ގިނަމީހުން މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާއިރު، އެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އަދި 350 އަށް ވުރެން ގިނަ މަސް ދޯނި ރަޖިސްޓްރިވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން އެ އުޅަނދުތަކުގައި މަސައްކަތް ކުރާ މަސްވެރިންނަކީ ދިވެހީން ކަމުގައި ވުމަށް، އަދި އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދިން ދިވެހިވަންތަ މި މަސައްކަތް އެގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލް ކޮށްދިނުމަށް، މި ދާއިރާއިން ޒުވާނުން އުގެނި ދަސްވެނިވެ، މަސައްކަތްތަކަށް ނިކުންނަން މިހާރު މި ވަނީ ޖެހިފައެވެ. ނޫންނަމަ، މި މުހިންމު މަސައްކަތްވެސް އަހަރެމެންގެ ކިބައިން، ބީވެގޮސް، ބިދޭސީންގެ މަސައްކަތަކަށް ވެދާނެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން