ހއ. ތުރާކުނުގައި "މައި ރެސިލިއަންޓް ހޯމް" ޕްރޮގްރާމް ކުރިއެރުވުމަށްޓަކައި ރަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ބޭއްވިއެވެ.
މި ސެޝަން ކުރިއަށް ގެންދިޔައީ "ރެސިލިއަންޓް ހައުސިންގ ގައިޑަންސް ފޯރ ދަ މޯލްޑިވްސް" ފޮތް އެކުލަވާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ލޯކަލް ކޮންސަލްޓަންޓުންނެވެ. މި ސެޝަން ބޭއްވުނީ ހއ. ތުރާކުނު ކައުންސިލާއި ގުޅިގެންނެވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރިއުޅުމަށް ބިނާކުރާ ގެދޮރު އިމާރާތްކުރުމުގައި ވީހާވެސް ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތްތަކެއް ބޭނުންކުރުމަށް ބާރުއެޅުމެވެ. ރެސިލިއަންޓް ހައުސިންގ ގައިޑަންސް ފޯރ ދަ މޯލްޑިވްސް" ފޮތް ވަނީ ޢާންމުންނަށް ލިބެން ހުންނާނެ ގޮތަށް ޝާއިރުކުރެވިފައެވެ.
މި ފޮތް ބެލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް resilienthousingguidance.lga.gov.mv މިލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، އެމީހުންގެ ގެދޮރު އިމާރާތްކުރުމުގައި ގުދުރަތީ ކާރިސާތަކަށް ވީހާވެސް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީއިން އުއްމީދު ކުރައްވައެވެ.
ހަބަރު: ސަރުކާރު