ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް މުޢިއްޒާ ގުޅުވައިގެން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް އެމްޑީޕީން ހިތްވަރުދިން ކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު ހުށަހެޅުއްވި މި މައްސަލަ 44 މެންބަރުންގެ ވޯޓުން ވަނީ ބަލައިގަނެވިފައެވެ.
މި މައްސަލަ ހުށަހެޅުނީ އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލްގެ ވާހަކަތަކާ ގުޅިގެންނެވެ. މަޖިލީހުގެ ޖަލްސާގައި މެންބަރުން ވާހަކަދައްކަވަމުން މި މައްސަލަ ތަޙުޤީޤުކުރުމަށް ގޮވާލެއްވިއެވެ.
ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ މިފަދަ މައްސަލަތައް ބަލައި ވީހާވެސް އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެމްޑީޕީގެ މާޒީންވެސް ޓެރަރިޒަމްގެ އަމަލުތައް ފެންނަން ހުރިކަމަށް ތުހުމަތުކުރައްވާ ހުސްނީ ވަނީ އެފަދަ ކަންކަން ކުޑަކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މާޒީއަށް ބަލާލާއިރު އެމްޑީޕީން އަމަލުކޮށްފައިވާގޮތުން ޓެރަރިޒަމަށް މަގުފަހިވާ އެތައް ކަމެއް. އެތައް ވާހަކަތަކެއް މި ވާހަކަތަކާ ވިދިގެން ތަރުތީބުވެގެން އައިސްފައިވަނީ ޓެރަރިޒަމްގެ އަމަލުތަކަކަށް ވާތީ،" މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް ވިދާޅުވީ ކުރީގެ ރައީސް އަމީން އަވަހާރަކޮށްލެއްވީ ރައްޔިތުންނަށް ދެރައެއް ދީގެން ނޫން ކަމަށާއި، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުން ލައްވާ ކުރުވިކަމެއް ކަމަށެވެ. މިއަދު އެމްޑީޕީން ކުރަން ބޭނުންވަނީވެސް އެފަދަ ކަމެއްކަމަށާއި އެކަން ސީރިއަސްގޮތެއްގައި ތަހުގީގުކުރަންޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.
"އެމްޑީޕީގެ ޗެއަރޕަރސަން އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ވެވަޑައިގަތުމުގެ މަސައްކަތް ކުރައްވާ ބޭފުޅަކު އެވާހަކަ އެބަދައްކަވާ. މިއީ އާދައިގެ މީހެއް ނޫން މިވާހަކަ މިދައްކަނީ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ސީރިއަސްކޮށް މި މައްސަލަ ބަލަން. އެމްޑީޕީއަކީ އަނިޔާވެރި މާޒީއެއް އޮތް ޕާޓީއެއް،" އަޒާން ވިދާޅުވިއެވެ.
ނަމަވެސް، އެމްޑީޕީގެ މެންބަރުން މި ތުހުމަތުތައް ދެކޮޅުހަދައި، މިއީ ސިޔާސީ ބޭނުމަށްޓަކައި ކުރެވޭ ތުހުމަތުތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.