ދެކުނު ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫސިޓީ މަރަދޫގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދެކުނު ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫސިޓީ މަރަދޫގައި ހުޅުވައިފި

އައްޑޫސިޓީ މަރަދޫގައި ދެކުނު ކަސްޓަމްސްގެ ސަރަހައްދީ އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ކަސްޓަމްސްގެ ޚިދުމަތްތައް ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް ހެދުމަށް ގޮވާލައްވާ ކަމަށެވެ. އަދި އައްޑޫގައި ގިނަ މުދާ އެތެރެކުރެވޭތީ، ވިޔަފާރިތަކަށް ފަހިވާގޮތަށް ކަންކަން އިންތިޒާމުކުރުމަށް އެދިވަޑައިގަތެވެ. މީގެއިތުރުން، މާލެއިން ބޭރުގައި ކަސްޓަމްސްގެ ބައެއް ޚިދުމަތްތައް ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ޖެނެރަލް ދިޔާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި އައު އޮފީހާއެކު ސަރަހައްދުގެ ބަނދަރުތަކުން ދޭ ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާވެ ފުޅާވާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ކްލާސްރޫމްތައް ޤާއިމްކުރެވިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އައު އޮފީހުގައި މަސައްކަތުގެ ޖާގަ، ކްލާސްރޫމްތައް، ކޮންފަރެންސް ހޯލް އަދި އެކޮމޮޑޭޝަން ބްލޮކެއް ހިމެނެއެވެ. މި އޮފީސް ހުޅުވުމާއެކު، ދެކުނު ސަރަހައްދުގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން