މާލެ ސަރަޙައްދުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އަންނަ އަހަރުގެ ކުރީކޮޅު 117 އެނދު އިތުރުކުރެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، މި އިތުރުކުރެވޭ އެނދުތަކުގެ ތެރެއިން 75 އެނދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޤާއިމްކުރެވޭ އައު ވޯޑެއްގައި ބެހެއްޓޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި 14 އެނދާއި، އަލަށް އިމާރާތްކުރެވޭ 6 ބުރީގެ އިމާރާތުގައި 28 އެނދު ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އިތުރުކުރެވޭ އެނދުތަކާއެކު، މިހާރު ހުރި 316 އެނދު 433 އަށް އިތުރުވެގެންދާނެ. މިއީ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،" އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ހިންގުމަށް ރޭވިފައިވާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ކެންސަރު ހޮސްޕިޓަލް، ތެލަސީމިއާ ހޮސްޕިޓަލް، ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގެ އެކްސްޓެންޝަން ހިމެނޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މި ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އާބާދީއާ ނުބައްދަލު އެނދުގެ ރޭޝިއޯގެ މައްސަލައަށް ޙައްލެއް ލިބޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މި ތަރައްޤީގެ މަޝްރޫޢުތަކުން މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށް ބެލެވެއެވެ.