މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް، މިއަދު ރަސްމީ ދަތުރުފުޅެއްގައި އޮމާންއަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 10 އިން 13 އަށް ކުރައްވާ މި ދަތުރުފުޅުގައި، މިނިސްޓަރ ޑރ. ޚަލީލް އޮމާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެއެވެ. އަދި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.
މިނިސްޓަރ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި، ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.