މިއީ މިހާރަކަށް އައިސް މަދުން ކުރިމަތިވާ ޙާލަތެއް ކަމަށް ބުނެވޭކަށް ނެތެވެ. މިޙާލަތު ކުރިމަތިވުމުން ދެބެއިން ޢުމުރަށް ވަކިވެ ދުޝްމިނުންނަށް ބަދަލުވެފައިވަނީވެސް މަދަކުން ނޫނެވެ. ނަމަވެސް މިއީ މިފަދަ ކަމެއް ކުރިމަތިވުމުން މައިންބަފައިންގެ ޙައްޤުގައި، އަދި ﷲ ތަޢާލާއަށް ބިރުވެތިވެ ކޮއްކޮއަށް ހެޔޮކޮށް ހިތި ދައްތައެއްގެ ވާހަކައެވެ. އެންމެންނަށްވެސް އަގުހުރި ފިލާވަޅެކެވެ.
އަޅުގަނޑުމެންގެ މަންމަ އާއި ބައްޕަ އަކީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ޖުމުލަކޮށްލ؛ާފައި ބުނަން ޖެހޭނީ އެއަށްވުރެ ވަކިން ލޯބިން އެހެން ދެމަފިރިއަކަށް ނުއުޅެވޭނެ ކަމަށެވެ. އެމީހުން އުޅުނީ އެހައިވެސް ލޯބިންނެވެ. މަންމައާއި ބައްޕައަށް ލިބުނީ 2 ދަރިންނެވެ. އެއީ އަޅުގަނޑާއި ކޮއްކޮއެވެ. ކޮއްކޮއަކީވެސް އަންހެންކުއްޖެކެވެ.
ނަމަވެސް ހިތާމައަކަށްވީ އަޅުގަނޑުގެ ޢުމުރުން 19 އަހަރުގައި މަންމަ ނިޔާވިކަމެވެ. މަންމަ ނިޔާވުމުން ބައްޕައަށް ލިބުނު ހިތްދަތިކަމުގައި ޖެހިގެން އައި އަހަރު ބައްޕަވެސް ނިޔާވެއްޖެއެވެ. އެއިރު ކޮއްކޮގެ ޢުމުރަކީ 16 އަހަރެވެ. އަޅުގަނޑުގެ ޢުމުރަކީ 20 އަހަރެވެ. އެހިސާބުން ކޮއްކޮ ބެލެހެއްޓުމުގެ ހުރިހާ ޒިންމާތަކެއްވެސް ނަގަން އަޅުގަނޑު ފެށީމެވެ.
ގޯއްޗަކީ ބައްޕަގެ ގޯއްޗެކެވެ. ގޯތީގައި ވަނީ ދެބެއިންނަށް 2 ގެ އަޅައިދީފައެވެ. 2 ގެ ވެސް އަޅާފައިވަނީ ލަކުޑި ޑެކެއް އަޅައިގެން ދެބުރިއަށް އެއްގޮތަކަށެވެ. އަޅުގަނޑު ވަޒީފާއަދާކުރަމެވެ. ދެބެއިން ދިރިއުޅުނީ އަޅުގަނޑަށް ލިބުނު ގޭގައެވެ. ކޮއްކޮގެ ކުއްޔަށް ދިނީއެވެ. އެގެއިން ލިބޭ ފައިސާ ޖަމާކުރީ ކޮއްކޮގެ އެކައުންޓަށެވެ. ލިބޭ ކުލިން ޚަރަދުކުރަނީ ހަމައެކަނި ކޮއްކޮއަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަށެވެ. އެހެން ބޭނުންތައް ފުއްދައިދެނީ އަޅުގަނޑެވެ.
ކޮއްކޮ ކިޔެވުން ނިންމާލައި 20 އަހަރުގައި ކައިވެނިކޮށްފިއެވެ. 2 އަހަރެއްހައި ދުވަހު އެކުގައި އުޅެފައި 2 މީހުން ވަކިވިއިރު ގެ މޯގޭޖްކޮށްފައި ފިރިމީހާއަށް ވަނީ ބޮޑު ލޯނެއް ނަގައިދީފައެވެ. ވަރިކޮށްލާފައި ދިއަފަހުން އޭނާ ލޯނެއް ނުދައްކައެވެ. އެހެންވެ ކޮއްކޮ ބޭނުންވީ ލޯނު އަދާކުރެވެންދެން އަޅުގަނޑުގެ ގޭގައި ބައިންދައި ދިނުމަށެވެ. އެކަމަށްވެސް އެއްބަސްވީމެވެ.
ގޭގައި ހަމައެކަނި ބެއިންދީއެއް ނޫނެވެ. ކާކަށް، ބޯކަށް އެއްވެސް ޚަރަދެއްކުރާކަށް ނުޖައްސަމެވެ. ފެންބިލް ކަރަންޓްބިލަށް ފައިސާއެއް ނުނަގަމެވެ. އަޅުގަނޑަށް ހެދުމެއް ހޯދާއިރު އޭނާއަށްވެސް ހޯދައިދެމެވެ. ރީތިވާ އެއްޗެތި ކަންނައިރު އެއެއްޗެތިވެސް ގަނެދެމެވެ. އެއީވެސް އަވަހަށް ލޯނު ދައްކައި ގެ ސަލާމަތްކޮށްދިނުމުގެ ބޭނުމުގައެވެ.
ދެން މިބުނަނީ އެހުރިހާ ކަމެއްކޮށްދިނުމުން ލިބުނު އަގުގެ ވާހަކައެވެ. އޮފީހުގެ މަސައްކަތުގައި އުޅެފައި ތަންކޮޅެއް ލަހުން ގެއަށް އައުދެވުނު ރެއަކު ކޮޓަރިއަށް ވަންނަން ބެލިއިރު ހުރީ އެތެއިން ތަންޑުއަޅުވައިފައެވެ. ހީކުރީ ފިރިމީހާއަށް އޮޅިގެން ކުރެވުނު ކަމެއް ކަމަށެވެ. އެހެންވެ ތަޅާތަޅައި އެތައްއިރެއްވީއިރުވެސް ނުހުޅުވުމުން ތަޅު ހަލާކުކޮށްލަން މަރުތޭލައަކާއި ކަށިގަނޑެއް ހޯދަން ތިރިއަށް ގޮސް ހިފައިގެން އައުދެވުނު ވަޤުތަކީ އަޅުގަނޑު ދިއައީކަމަށް ހީކޮށް ދޮރުހުޅުވި ވަޤުތެވެ. ފިރިމީހާގެ ފަހަތުގައި ކޮއްކޮހުރީ ނިވާވެގެންނެވެ.
އަޅުގަނޑަށް ފެނުނު ކަމަކަށްވެސް ނުހަދަމެވެ. ކޮޓަރިއަށް ވަދެގެން ދިއައީއެވެ. އިރުކޮޅަކުން ފިރިމީހާ ކޮޓަރިއަށް އައުމުން ކޮޓަރީގައި އޭނާއަށް ޖާގަ ނެތް ކަމަށާއި އަވަހަށް ނުކުމެގެންދިއުމަށްބުނެ ގެއިން ނެރެލީއެވެ. ނަމަވެސް ކޮއްކޮ ނުނެރެމެވެ. ކޮއްކޮ ގާތުގައި ބުނީ ކުއްޔަށްދީފައި ހުރި ގެއިން އެއްކޮޓަރި ހުސްކުރުވައިގެން ބަދަލުވުމަށެވެ. އެއީ އެރޭ އަޅުގަނޑު ކޮއްކޮ ގެއިން ނެރެލިނަމަ ކައްވަޅުގައި ތިބި މައިންބަފައިން ދުނިޔޭގައި ތިބިނަމަ ހިތާމަކުރާނެ ކަމަށް ބަލައި އެމީހުންގެ ހިތުގައި ނުޖައްސުވަންވެގެންނެވެ.
ކޮއްކޮ ގެއިން ނުކުތީ 2 މަސްދުވަސް ފަހުންނެވެ. ނުކުންނަންދެންވެސް ހެޔޮކޮށް ކަންކަން ކޮށްދިނީމެވެ. ހަމައެކަނިކުރިކަމަކީ ވާހަކަދެއްކުން މަދުކުރުމެވެ.
ކޮއްކޮ ގެއިން ނުކުމެ 2،3 މަސްވީތަނާހެން ދެވަނަ ކައިވެނިކޮށްފިއެވެ. އަޅުގަނޑު ކައިވެނިކުރީ ތަންކޮޅެއް ފަހުންނެވެ. ދެބެއިންނަށްވެސް ކައިވެނިކުރެވުނު ފަހުން ހަމަ ކުރިއާއި އެއްގޮތަށް ވާހަކަދައްކައި ގުޅުން ބާއްވަމެވެ. އެއީ ރަޙިމުގެ ގުޅުން ކެނޑުމަކީ ރަޙްމަތުން މަޙްރޫމްކުރައްވަވާ ކަމަކަށްވާތީއެވެ. ފުރަތަމަވެސް މާފުކުރީ އެކަމުން ލިބެން އޮތް ޘަވާބު ހޯދުމުގެ ބޭނުމުގައެވެ.
އިސްލާމިކް ބޭންކުން ފިނޭންސް ހޯދައިގެން ދެބެއިންގެ ގެ އެޅީވެސް އަޅުގަނޑުގެ ފިރިމީހާއެވެ. ދެބެއިންގެ މެދުގައި މައްސަލައެއް ޖެހުނުކަންވެސް އެނގޭނީ ހަމައެކަނި އެއިރު ކައިވެނިކޮށްގެން ހުރި ފިރިމީހާއަށެވެ. ޢާއިލާގެ މީހަކަށްވެސް ނުއަންގަމެވެ.
އަޅުގަނޑު އެގޮތަށް ކަންކަން ކުރިކަމުގެ ނަތީޖާ ވަރަށް ރަނގަޅެވެ. މިއަދު އަޅުގަނޑުމެން ދެމަފިރިންނަކީ ކާމިޔާބުކަމާއިއެކު ވިޔަފާރިކުރާ ދެމަފިރިންނެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކަ މިކިޔައިދިނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ކިތަންމެ ލޯބިން، ކިތަންމެ ހެޔޮކޮށް ކަންކަން ކޮށްދިންނަމަވެސް އެއްބަނޑު އެއްބަފާ މީހުންނަށްވެސް މިއަދު އިތުބާރުނުކޮށް ފާރަވެރިވާންޖެހޭ ކަންކަމުގައި ފާރަވެރިވުމަށް ބުނުމަށެވެ.
- ޝިފޫ / މިއަދުނޫހުގެ ކިޔުންތެރިއެއް