ފިޔަވަތީގެ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ޚާއްސަ ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.
މި ހަފްލާގައި ބައިވެރިވެވަޑައިގެން މެޑަމް ސާޖިދާ ވަނީ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާ، އެކުދިންގެ ހުނަރުތަކާއި ހުށަހެޅުންތައް ބައްލަވާލެއްވުމާއެކު، އެކުދިންނަށް ހަދިޔާ ހަވާލުކޮށްދެއްވާފައެވެ.
އޭގެ އިތުރުން މެޑަމް ސާޖިދާ ވަނީ ކުދިންނާއި އެކު ހަވީރު ސައިފޮދުގައި ބައިވެރިވެވަޑައިގެން، އެކުދިންނާއި އެކު ވަގުތު ހޭދަކުރައްވާފައެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އާއިލީ ވެއްޓެއް، ނުވަތަ އާއިލީ ދިރިއުޅުމެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ. އެކަމަށްޓަކައި، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމު ފަށައި، ގިނަ ކުދިންތަކަކަށް އާއިލީ ދިރިއުޅުމެއް ހޯދައިދެވި އެ މަސައްކަތް މި ވުޒާރާއިން ދަނީ ފުޅާކުރަމުންނެވެ.
ހަބަރު: ސަރުކާރު