މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިންތިޒާމުކޮށްގެން ބާއްވާ "ސައިބަރ އެކްސްޕޯ 2024" މިރޭ 8:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ރައްކާތެރި ޑިޖިޓަލް މާހައުލެއް ޤާއިމުކުރުމާއި، އާންމުންގެ މެދުގައި ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސްޕޯގައި ކީނޯޓް ސްޕީޗްތަކާއި އެކި ދާއިރާތަކުގެ މާހިރުންގެ ބައިވެރިވުން ހިމެނޭނެ ކަމަށްވެސް އެ ފަރާތުން ހާމަކުރެއްވިއެވެ.
މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. އެކްސްޕޯގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހަރަކާތްތެރިވާއިރު، އެމްޓީސީސީ، އެމްއައިބީ، ދިރާގު އަދި ޕާކްސައިޑްއަކީ އެކްސްޕޯގެ އެހެނިހެން ޕާޓްނަރުންނެވެ.
ފުލުހުންގެ ފަރާތުން ވިދާޅުވީ މި އެކްސްޕޯއަކީ ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެއް އިވެންޓް ކަމަށެވެ. އަދި މި އެކްސްޕޯއިން ސައިބަރ ސެކިއުރިޓީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ލިބި، އެ ދާއިރާއިން ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.