ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން މަސްވެރިކަމުގެ ދަފުތަރާ ގުޅޭ ޤަވާއިދު މިއަދު ގެޒެޓްކޮށްފިއެވެ.
މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމާއި، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމެވެ.
މި ޤަވާއިދުގެ ދަށުން، މަސްވެރިން "ކެޔޮޅު" އެޕް މެދުވެރިކޮށް މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓަރީވާން ޖެހޭނެއެވެ. އަދި މަސްވެރިކަމުގެ ލައިސަންސް ދޫކުރެވޭނީ މި ދަފުތަރުގައި ރަޖިސްޓަރީވުމަށްފަހުގައެވެ. މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މާލީ އަދި އިޖުތިމާޢީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެއެވެ.
މި ޤަވާއިދުގެ ދަށުން، މަސްވެރިންގެ މަޢުލޫމާތު ބަދަލުވާތާ 7 ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު އަދާހަމަކުރަން ޖެހޭނެއެވެ. އަދި ހުށަހަޅާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަކީ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރުގެ ޒިންމާއެއްކަމުގައި ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ޤަވާއިދު ތަންފީޒުކުރަން ފަށާނީ ގެޒެޓްކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި މަސްވެރިން ދަފުތަރުގައި ރަޖިސްޓަރީވުމަށް އިލްތިމާސްކޮށްފައިވެއެވެ.