ކުރިއަށް އޮތް ރޯދަމަހު ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ހާފިޒުން ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިޢުލާން ކޮށްފިއެވެ.
މާލޭގެ މިސްކިތްތަކަށް ހާފިޒުން ހޯދުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 20 އެވެ. އަދި ރަށްރަށުގެ މިސްކިތްތަކަށް ހާފިޒުން ހޯދުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 6 އެވެ. ހާފިޒުންނަށް ދެވޭ އެލަވަންސްގެ ގޮތުގައި ރެއަކަށް 500 ރުފިޔާ ދޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިސްކިތަކަށް ގިނަވެގެން ނެގޭނީ 2 ހާފިޒުންނެވެ.
އިސްލާމީ މަރުކަޒު އަދި ސަލްމާން މިސްކިތަށް ނެގޭ ހާފިޒުންނަށް ރެއަކަށް 700 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި ދެ މިސްކިތަށްވެސް ނެގޭނީ 2 ހާފިޒުންނެވެ.
މީގެ އިތުރުން، ބިދޭސީ ހާފިޒުން ގެނައުމަށް ހުއްދައަށް އެދުމުގެ ސުންގަޑިއަކީ ފެބްރުއަރީ 16 ކަމަށާއި ބިދޭސީ ހާފިޒުންނަށް ދެވޭ އެލަވަންސަކީ ރެއަކަށް 200 ރުފިޔާ އެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ހުއްދަ ދެވޭނީ ކަމާގުޅޭ ދާއިރާއެއްގައި މަސައްކަތްކުރާ، ހާފިޒުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށް ހުށަހެޅުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.