ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ބީލަން ސަޢޫދީ ޢަރަބިއްޔާއިން ކާމިޔާބު ކުރުމާއި ގުޅިގެން، ރައީސް ޑރ.މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ބީލަން ސަޢޫދީ ޢަރަބިއްޔާއިން ކާމިޔާބު ކުރުމާއި ގުޅިގެން، ރައީސް ޑރ.މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 2034 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ބީލަން ސަޢޫދީ ޢަރަބިއްޔާއިން ކާމިޔާބު ކޮށްފައިވާތީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް އަދި އެ ގައުމުގެ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވަނީ، މި ކާމިޔާބީއަކީ ސަޢޫދީ ޢަރަބިއްޔާގެ ހައިބަތާއި ޤަދަރު ދުނިޔޭގައި އުފުލެމުންދާ ކަމުގެ ހެއްކެއްކަމަށާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެ ގައުމުގެ ސާބިތުކަމާއި، ހަރުދަނާ ސިޔާސަތާއި އިސްނެގުމުގެ ދިރިހުރި މިސާލެއް ކަމުގައި ވިދާޅުވެފައެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން، ޢަރަބި ކަރަޔަށާއި އަދި މުޅި އިސްލާމީ އުންމަތަށް ލިބުނު ފަޚުރެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލައްވަމުން، 2034 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި އޮންނަ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަކީ ކުޅުންތެރިންގެ މޮޅުކަން ދައްކުވައިދޭ ވޯލްޑް ކަޕަކަށް ވުމުގެ އިތުރުން، އެއްބައިވަންތަކަމާއި ސަގާފަތާއި ފަންނިއްޔާތާއި އީޖާދުތަކުގެ ރޮނގުންވެސް ދުނިޔެއަށް މުޅީން އައު ކަންތައްތަކެއް ދައްކުވައިދޭނެ މުބާރާތަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން