ޢިބްރަތްތެރި ޥާހަކަ: ދަރިފުޅު އެއްލާލާފަ އަނބިމީހާ ތަނަވަސް މީހެއްގެ ފަހަތުން ދިއުމުން ކަންބޮޑުނުވެ ދަރިފުޅުބެލި ބައްޕައަކަށް ލެއްވެވި ރަޙްމަތާ އަނބިމީހާއަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ޢިބްރަތްތެރި ޥާހަކަ: ދަރިފުޅު އެއްލާލާފަ އަނބިމީހާ ތަނަވަސް މީހެއްގެ ފަހަތުން ދިއުމުން ކަންބޮޑުނުވެ ދަރިފުޅުބެލި ބައްޕައަކަށް ލެއްވެވި ރަޙްމަތާ އަނބިމީހާއަށް ޖެހުނު ޙާލުގެ ވާހަކަ-

އަޅުގަނޑަކީ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ދިރިއުޅެނީ އަޅުގަނޑުގެ ގޭގައިކަމަށްވުމުން ކުލި ދައްކާކަށް ނުޖެހެއެވެ. ލިބޭ މުސާރައިން ދަރިފުޅާއި ދެމަފިރިންގެ ކަންކަން ބަލަހައްޓައިލެވެއެވެ. އަސާސީ ބޭނުންތައް ފުއްދައިލެވޭވަރުވެއެވެ.  

އަނބިމީހާވެސް ކަންކަން ނުވެގެން ޝަކުވާއެއް ނުކުރެއެވެ. އެހެންކަމުން ހީކޮށްގެން ހުރީ އަނބިމީހާވެސް ފުދިގެން ހުންނަ ކަމަށެވެ. އެއީ ޙަޤީޤަތް ނޫންކަން އެނގުނީ ދަރިފުޅުގެ ޢުމުރުން 5 އަހަރުގައެވެ. ޢުމުރުން ދުވަސްވީ ތަނަވަސް މީހަކާއި ގުޅި އަހަރެމެން ދޫކޮށްލާފައި ދިއުމުންނެވެ.  

އެހިސާބުން ދިރިއުޅެން ޖެހުނީ ވަރަށް ދަތި ދރިރިއުޅުމެކެވެ. ވަޒީފާއަދާކުރަމުން ދަރިފުޅުބަލަންޖެހުނީމައެވެ. ނަމަވެސް ކެތްތެރިވީމެވެ. ވެވުނުވަރަކުން ހުރިހާ ކަމެއްވެސް ކުރަމުން ގެންދިއައިމެވެ. ނަމަވެސް އެޙާލުގައި އުޅެންޖެހުނީ ވަރަށް ކުޑަ ދުވަސްކޮޅަކުއެވެ. އަވަށްޓެރި އަންހެނެއްގެ ހިތުގައި ހަމްދަރުދީ އުފެދި ދުވާލު ދަރިފުޅު ބަލައިދޭން ފަށައިފިއެވެ.  

އެކަނި 3 އަހަރުހުރެފައި ދެވަނަ ކައިވެނިކުރީމެވެ. ކައިވެނިކުރީ ދެދަރިންގެ މަންމައަކާއިއެވެ. އެއިރު ﷲ ގެ އިރާދަފުޅުން އަޅުގަނޑަށްވަނީ ވަޒީފާގެ ކުރިއެރުން ލިބިފައެވެ. އެކަށީގެންވާ ރަނގަޅު މުސާރައެއްވެސް ލިބެއެވެ. ވީމާ އަނބިމީހާއާއި 3 ދަރިން ބަލެމަކީ އެއްވެސް އުނދަގޫކަމެއް ނޫނެވެ. 

ދެވަނަ ކައިވެނިކުރިތާ 3 މަސްވެސް ނުވަނީސް ކުރީގެ އަނބިމީހާ ގެއަށް އައިސް ބުނީ މިއައީ ދަރިފުޅާއި ނުލައި އުޅެން އުނދަގޫވެގެންކަމަށެވެ. އަޅުގަނޑު ބުނީމެވެ. "ތިއަ އައީ ކަލޭ ބަލިކަށިވެގެން ފިރިމީހާއަށް ކަމުނުގޮސްގެން ވަރިކޮށްލާފައި ގެއިން ނެރެލީމަ ނޫންހެއްޔެވެ؟ ކަލޭގެ ކުރިމަތީގައި ހިލޭ އަންހެނުންވައްދައިގެން ގޭގައި ގެންގުޅޭތާ ކިތަންމެ ދުވަހެއް ނޫންހެއްޔެވެ؟ 

ކަލޭ ހަލާކުވެ ދިއައީ ކާންދިން ފެންޓަސީ ބޭސްތަކުގެ ސަބަބުން ނޫން ހެއްޔެވެ؟ މިހާރު އަތްތުރުތުރުއަޅާ ނޫންހެއްޔެވެ؟ އަހަރެން ކަލޭގެ ފަހަތުން ނުދުވި ނަމަވެސް ކަލޭގެ ހުރިހާ ކަންކަން ބަރާބަރަށް އެނގެއެވެ. ބަލަން ނޫޅުނަސް އެނގެއެވެ.  

ކަލޭގެ އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމަކީ އަހަރެންނާއި ބެހޭ ކަންކަމެއް ނޫނެވެ. ނަމަވެސް ކަލޭކަހަލަ ގޮތެއް ފޮތެއް ނެތް، އަހަރެންނަށް ރަޙުމެއް ނެތްތަނުގައި ދަރިފުޅަށްވެސް ރަޙުމެއް ނެތް އަންހެނަކާއި ދަރިފުޅު ބަލަން ޙަވާލުކޮށްފިނަމަ އެދަރިފުޅުވެސް ވާނީ ކަލޭކަހަލަ ފިރިމީހާއަށާއި ލިބޭ ދަރިންނަށްވެސް އެއްވެސް ރަޙުމެއް ކުލުނެއް ނެތް، ތަނަވަސްކަމުގެ ފަހަތުންދުވާ އަންހެނަކަށް ނޫންހެއްޔެވެ؟ ވީމާ މިގޭގެ ދޮރުން ކަލޭ ދެން ވެއްދޭނެ އެއްވެސް ގޮތެއް ނެތެވެ. 

އަދި ބުނަން ހެއްޔެވެ؟ އިރާދަކުރެއްވިއްޔާ މަންމައާއި ބައްޕަގެ ދައުރުވެސް މިބައްޕަ އަދާކުރާނަމެވެ. މިހައިތނަށްވެސް އޮންނާނީ އަދާކޮށްފައެވެ. އެއިގެ އިތުރުން ދަރިފުޅަށް ވަނީ 2 މަންމަ ލިބިފައެވެ. އެއީ އަވަށްޓެރި އަމީނާ އާއި އަހުރެންގެ މިހާރުގެ އަނބިމީހާއެވެ.  

އެކަމަކުވެސް ތިއައީ ދަރިފުޅު ވިހޭމީހާ ކަމަށްވީތީ މިހާރުވެސް ތިހިރަ ޒަމާނީ ސިފަގަނޑު ދޫކޮށްލައި ތައުބާވެގެން އަތުވެއްޖެނަމަ ދަރިފުޅާއި މިގޭގައި ބައްދަލުކުރެވޭނެއެވެ. ދެން އަވަހަށް ނުކުމެގެންދާށެވެ."  

މިހިސާބުން ކުރުކޮށްލާނަމެވެ. އެދަރިފުޅަކީ މިއަދު ތަރައްޤީވެފައިވާ ޤައުމެއްގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. ވަޒީފާގައި ހަމަޖެހިލެވުމާއިއެކު ކައިވެނިކޮށްފިއެވެ. ދަރިއަކު ލިބިއްޖެއެވެ. އެދަރިފުޅު ބަލަން ދޮންމަންމަ ގެންގޮސްގެން އުޅޭކަން އެއީ ދޮންމަންމަ ދެކެ އޭނާ ލޯބިވާކަމާއި އިތުބާރުކުރާކަން އެނގިގެންދާ ސަބަބެކެވެ. އެކަން އެގޮތަށްވާނީ ދޮންމަންމަގެ ކިބައިންވެސް ރަނގަޅު ކަންތައްތަކެއް ތަޖުރިބާކުރެވުނީތީކަން ޤަބޫލުކުރަންޖެހެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ޖެހެނީ ކޮންމެފަދަ ސަބަބެއް ދިމާވެގެންނަމަވެސް ދަރިން ބަލަން ޖެހިއްޖެނަމަ ބައްޕައަކަށްވީތީ ކަންބޮޑުވެ ފަސްނުޖެހޭށެވެ. ﷲ ޙަވާލުކުރެއްވެވި ޒިންމާ އަދާކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާނަމަ އެމީހަކަށް އެކަމަށް މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝިރުމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން