އިންޔެ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ވުޒާރާގެ މަސައްކަތް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ފަށައިފިއެވެ.
މި ހާދިސާގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީ، އިމާރާތްކުރުމާއި ބިނާވެށި، އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާތަކަށް ވަނީ ގެއްލުންވެފައެވެ.
މިކަމާގުޅިގެން ސަރުކާރުގެ އިސް ވެރިއެއް މިއަދު ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، މި ތިން ވުޒާރާގެ މަސައްކަތް ވީހާވެސް އަވަހަކަށް އަލުން ފެށުމަށްޓަކައި ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ވީހާވެސް އަވަހަކަށް އަލުން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ވެރިޔާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ޙަފްލާތައް ވަނީ ފަސްކުރެވިފައެވެ. މީގެ ތެރޭގައި މަސްވެރިންގެ ދުވަހުގެ ޖަލްސާއާއި ރެހެންދި އެވޯޑް ހަފްލާ ހިމެނެއެވެ. މި ޙަފްލާތައް އަލުން ބޭއްވުމަށް ހަމަޖެހޭ ތާރީޚުތައް ފަހުން އިޢުލާނު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ވުޒާރާތަކުގެ މަސައްކަތްތައް އަލުން ރޭވުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް ދަތިނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.