އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު: ވަޒީރު

އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް އަމާޒު ކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ޔޫ.އެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިނގް ސެންޓރ ފޮރ އިންފޮމޭޝަން އެނޑް ކޮމިއުނިކޭޝާން ޓެކްނޮލޮޖީ ފޮރ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ) އާއި ގުޅިގެން "އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި މިއަދު ފެށުނު ތަމްރީން ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަންހެނުންގެ ކުރިއެރުމަކީ ޢާއިލާތަކުގެ ކުރިއެރުން ކަމަށެވެ. އަދި ޢާއިލާތައް ކުރިއެރުމުން، މުޖުތަމަޢު ކުރިއަރައި، އިޤްތިޞާދު ވަރުގަދަވެގެން ދާނެ ކަމަށެވެ.

އެހެންކަމަށް ވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ހިންގަވާ މި ސަރުކާރުގެ މަޝްރޫޢުތަކާއި މަސައްކަތްތަކުގައި އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އެހީތެރިވުމަށް މާލީ އެހީތެރިކަން ލިބޭނެ މަގުތައް އިތުރަށް ހަރުދަނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުން ހޯދާފައިވާކަން ވަޒީރު ވިދާޅުވިއެވެ. މިގޮތުން އަންހެނުންނާއި އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުމަށް، އެސް.ޑީ.އެފް.ސީ އާއި ގުޅިގެން "ފަށާ މަދަދު" ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ސްކީމެއް ތަޢާރަފުކޮށް، މި ލޯން ސްކީމްގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްޞަކުރެވިފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ 1 ފަރާތް ހިމެނޭގޮތަށް 60 ފަރާތަކަށް މި ލޯންސްކީމް ހަމަޖައްސައިދިނުމަށް ހޮވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ މި މަސައްކަތުބައްދަލުވުމަކީ ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ މުހިންމު މައިލްސްޓޯނެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުބައްދަލުވުމަކީ އަންހެނުންގެ އިގްތިސާދީ ބާރުވެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން މިހާ ބޮޑު ސްކޭލެއްގައި ބާއްވާ ފުރަތަމަ ޕްރޮގްރާމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން