ހައުސިންގ މަޝްރޫޢުތަކާއި ލޯނު ސްކީމް ތަކުގެ މަޢުލޫމާތު ގެއްލިފައި ނުވާ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުއްޠަލިބް ވިދާޅުވި ގޮތުގައި ގިނަ ޑޭޓާތަކުގެ ބެކްއަޕް ހުރިކަމަށާއި، ހައުސިންގ މަޝްރޫޢުތަކާއި ލޯނު ސްކީމްގެ މަޢުލޫމާތު ގެއްލިފައި ނުވާކަމަށެވެ. އަދި ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ރިކަވަރ ކުރެވޭނެކަމުގެ ޔަޤީންކަން ވެސް ވަޒީރު ދެއްވިއެވެ.
"ގެއްލިދާނެކަމަށް ބެލެވޭ މަޢުލޫމާތުތައް ރިކަވަރ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ޚިދުމަތް ދިނުމަށް," ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީރު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށް، އާދިއްތަ ދުވަހުން ފެށިގެން ޚިދުމަތްދޭން ފަށާނެ ކަމަށެވެ.
މި ހާދިސާގައި ގެއްލުން ލިބުނު ނަމަވެސް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ މުހިންމު ޚިދުމަތްތައް ވީހާވެސް އަވަހަކަށް އަނބުރާ ގެނައުމަށް މަސައްކަތްކުރާ ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.