ރ. އަތޮޅުގައި އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ދިރުވުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމް އެރަށުގައި ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމެވެ.
މި ޕްރޮގްރާމަކީ ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. ސިއްޙަތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޕްރޮގްރާމް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.
މި ޕްރޮގްރާމުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމާއި، ސިއްޙީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ރަށު ފެންވަރުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.