ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މަހިބަދުއަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ.
މިއަދު މަހިބަދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
މަހިބަދޫގައި ރައީސުލްޖުމްހޫރިއްޔާ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
ރައީސް މަހިބަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މަހިބަދޫގެ ބިން ހިއްކުމަށް ބޭނުންވާކަމަށާއި، އިސްލާމިކް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަހިބަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަތައްޤީކުރުމަށް ކަނޑައެޅުއްވި މައިގަނޑު ބޭނުންތަކާއި އެކަން ކުރުމަށް ރާވަމުންދާ ގޮތްތަކާއި، އެކަމުގެ ސަބަބުން އެ ސަރަހައްދަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި މަސައްކަތް ކުރިއަށްގެންދިއުމުގައި ކައުންސިލްގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަންކަން ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ރަށުގައި ހައުސިންގ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެވެސް ހިޔާލުތައް ހިމަނައިގެން މާފަރު ފަޅުގެ މާސްޓަރ ޕްލޭނެއް، ކައުންސިލުން ތައްޔާރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަހިބަދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.