ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި ހިލޭ ބެހުން މިއަދުން ފެށިގެން ރާއްޖޭގައި މަނާ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި ހިލޭ ބެހުން މިއަދުން ފެށިގެން ރާއްޖޭގައި މަނާ!

މިއަދުން ފެށިގެން ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، އަދި ހިލޭ ބެހުން މަނާވެއްޖެއެވެ. މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮކްޓޫބަރު 14 ވަނަ ދުވަހު ނިންމެވި ނިންމެވުމެކެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުން، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވާނެ ކަމަށެވެ. އެއާ އެއްގޮތަށް ރާއްޖެއަށް ވޭޕް އެެތެރެކުރުން މިހާރު ވަނީ ހުއްޓާލާފައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރުމަށް ނިންމާފައިވަނީ މިމަހުގެ (މިއަދު) 15 ވަނަ ދުވަހުން ފެށިގެންނެވެ.

މި ނިންމުމާ ގުޅިގެން، މިއަދުން ފެށިގެން ވޭޕް އެތެރެކުރުން ވެސް މަނާވާނެއެވެ. އަދި މިއަދުން ފެށިގެން ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާވެފައިވާކަން ސަރުކާރުން އަންގަވާފައިވެއެވެ. މި ޤާނޫނާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ ޖޫރިމަނާ ކުރާނީ 20،000ރ. އިންނެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. ގެ ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ

މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ގަނެވިއްކޭނީ 21 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށް ވެސް ސަރުކާރުން ހާމަކުރައްވާފައިވެއެވެ. އަދި ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ރޭވިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މެދުގައި ހަރުދަނާކަމާއި، ހުނަރުވެރިކަމާއި، އުފެއްދުންތެރިކަން އިތުރުކުރުން ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މި ނިންމުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށާއި، އިޖްތިމާޢީ ދުޅަހެޔޮކަމަށް އިޖާބީ ބަދަލުތަކެއް ގެނުވާނެ ނިންމުމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

މިއަދު އޮންލައިން