ދަނގެތީގައި އަލަށް ޤާއިމްކުރެވުނު ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދަނގެތީގައި އަލަށް ޤާއިމްކުރެވުނު ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

އދ. ދަނގެތީގައި އަލަށް ޤާއިމްކުރެވުނު ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ރާއްޖޭގެ 34 ރަށެއްގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ބައެއްކަން ފާހަގަކޮށްލެވެއެވެ.

ދަނގެއްޗަކީ 1140 މީހުންގެ އާބާދީއެއް އޮތް، ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށެކެވެ. މިވަގުތު ރަށުގައި 18 ގެސްޓްހައުސް 280 އެނދާއެކު ހިންގަމުންދާކަން ފާހަގަކުރެވެއެވެ. މި އައު ނަރުދަމާ ނިޒާމާއެކު ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެކަމަށް ބެލެވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި މަޝްރޫޢަކީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ރިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ނިޒާމުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުމާއެކު، ރަށުގެ ރައްޔިތުން ވަނީ އުފާވެރިކަން ފާޅުކޮށްފައެވެ. ގިނަ ރައްޔިތުން ދެކޭގޮތުގައި މި ނިޒާމަކީ ރަށުގެ ޞިއްޙީ ހާލަތު ރަނގަޅުވެ، ތިމާވެށި ހިމާޔަތްކުރުމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ސަރުކާރުން މަޢުލޫމާތު ދެއްވާގޮތުގައި، މި މަޝްރޫޢުގެ ދަށުން އިތުރު ރަށްރަށުގައިވެސް ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން