ރައީސް މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަމާންވީ މައްސަލަތަކަށް ހިކުމަތްތެރިކަމާއެކު ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެންބަރު ޠާރިޤު ފާހަގަކުރެއްވީ، ރައީސްގެ ނިންމެވުންތަކުން ރާއްޖެއަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާ ލިބޭނެ ކަމަށެވެ.
"ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ދުވަސްވީ މައްސަލަތަކަށް ހައްލު ލިބެމުންދާކަން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. ޚާއްޞަކޮށް އަޅުގަނޑުގެ ދާއިރާ މަހިބަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައެޅުއްވި ކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރަން," މެންބަރު ޠާރިޤު ވިދާޅުވިއެވެ.
މީގެއިތުރުން، މެންބަރު ޠާރިޤު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ފުރަތަމަ އަހަރު ކުރީގެ ސަރުކާރުގެ ދަރަނި ދެއްކުމަށް މަސައްކަތްކުރެވުނެވެ. ނަމަވެސް، ކުރިއަށް އޮތް އަހަރަކީ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނެ އުއްމީދީ އަހަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް އަހަރު ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށް. ރައީސް މުޢިއްޒުގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން," މެންރަން," މެންބަރު ޠާރިޤު ނިންމަވާލެއްވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ރޭވިފައިވާ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ. މިގޮތުން، ގިނަ ރަށްތަކެއްގައި ބަނދަރު ހެދުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ވަނީ ރޭވިފައެވެ.