ވޭޕް މަނާކުރުމުން މުޖުތަމަޢުގެ އަޚުލާޤު ރަނގަޅުވެ، ޤައުމަށް ތަރައްޤީ ލިބޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ވޭޕް މަނާކުރުމުން މުޖުތަމަޢުގެ އަޚުލާޤު ރަނގަޅުވެ، ޤައުމަށް ތަރައްޤީ ލިބޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރާއްޖޭގައި ވޭޕް މަނާކުރުމުން މުޖުތަމަޢުގެ އަޚުލާޤު ރަނގަޅުވެ، ޤައުމަށް ވަށައިޖެހޭ ތަރައްޤީ ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަރިއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޤައުމު ތަރައްޤީވުމަށް ފިކުރީ ގޮތުން މީހުން ތަރައްޤީވުން މުހިންމު ކަމަށެވެ. އަދި ވޭޕް މަނާކުރީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުން އެދެމުންދިޔައީ ޤައުމުގެ ދަރިން ވޭޕްގެ ވަބާއިން ސަލާމަތްކޮށްދޭށޭ. އެއީ ވަށައިޖެހޭ ތަރައްޤީ ގެނައުމަށްކުރާ މަސައްކަތެއް. ޞިއްޙީ ގޮތުން ޒުވާނުންނާއި ޢާންމު ރައްޔިތުން ސަލާމަތްވެގެން ތިބެގެން ނޫނިއްޔާ ޤައުމަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ. ޤައުމެއް ކުރިނާރާނެ." ރައީސް ވިދާޅުވިއެވެ.

ވޭޕް ބޭނުންކުރުމުން އިންސާނާގެ ޞިއްޙަތަށް ގެއްލުންވެ، ވިސްނުން ކޮށިވެ، އިންސާނާގެ ޢާންމު އުޅުމަށް ނޭދެވޭ އަސަރުކުރާކަން ތަޖުރިބާކާރުން ފާހަގަކުރާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުން ފެށިގެން ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާވެ، ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާ ކަނޑައެޅިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ވޭޕް މަނާކުރުމުގެ ނިންމުމަކީ ރާއްޖޭގެ ޒުވާނުންގެ ޞިއްޙަތާއި މުސްތަޤުބަލް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކޭކަން ރައީސް މުޢިއްޒުގެ ވާހަކަފުޅުން ސާފުވެއެވެ.

މިއަދު އޮންލައިން