ވޭޕްމަނާކުރިފަދައިން މަގުމަތިން ހިނގާ މީހުންގެ މޫނަށް ދުންބުރުވުން ހުއްޓުވައި ދިނުން ވަރަށް މުހިންމު!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ވޭޕްމަނާކުރިފަދައިން މަގުމަތިން ހިނގާ މީހުންގެ މޫނަށް ދުންބުރުވުން ހުއްޓުވައި ދިނުން ވަރަށް މުހިންމު!

މިއަދަކީ ތާރީޚީ ދުވަހެކެވެ. ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރެވުނު ތާރީޚީ ދުވަހެވެ. 

ވިސްނާލަންވީ ދުންފަތުގެ އިސްތިޢުމާލް ކުރުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރު އޮތް ކަމެއް ނަމަވެސް މަގުމަތީގައާއި ޢާންމު ތަންތަނުގައި ހިނގާ މީހުންގެ މޫނަށް ދުންފަތުގެ ދުން ބުރުވުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫންކަމެވެ. އެކަމަކީ ޞިއްޙީ ގޮތުން ވަރަށް ބޮޑު ނުރައްކަލެއް ކަމަށްވާއިރު ޢާންމު ޞިއްޙަތަށްޓަކައިވެސް އެކަންކުރުން ހުއްޓުވަންޖެހޭ ކަމެވެ. 

ރާއްޖޭގައި ކެންސަރު ޖެހުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެހެންކަމަށްވާއިރު ކެންސަރުޖެހުމަށް މަގުފަހިވާކަންކަން މަގުމަތީގައާއި ޢާންމު ތަންތަނުގައި ކުރުމުން އެއްވެސް އަދަބެއް ނުދެނީ އަދި އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނުއަޅަނީ ކީއްވެގެންކަމާއިމެދު ސުވާލުއުފެދެއެވެ. 

މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ޢާންމުތަންތަނުގައާއި މަގުމަތީގައި ތިބެގެން ދުންފަތުގެ އިސްތިޢްމާލްކުރުމެވެ. ހިނގާ މީހުންގެ މޫނަށް ދުންތައް ފޮނުވުމެވެ. 

ސީޝާބޯ ތަންތަނަށް ވަންނަ ކިތަންމެ ގިނަބައކަށް ކެންސަރުޖެހުމަކީ މައްސަލައެއް ނޫންކަމަށް ބެލިދާނެއެވެ. އެމީހުން އެތަންތަނަށްވަންނަނީ ކެންސަރު ޖެހުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭތީއެވެ. ނަމަވެސް މަގުތައް މައްޗަށް ނުނުކުމެ މީހުންނަކަށް ނުއުޅެވޭނެއެވެ. އެހެންކަމަށްވާއިރު މަގުތައް ޙިމާޔަތްކުރެވެން ނުޖެހެންވީ ކީއްވެގެންތޯއެވެ؟ 

މަގުމަތީގައި މީހުން ހިނގަނީ ކެންސަރުޖެހެން ބޭނުންވެގެނެއް ނޫނެވެ. މަގުމައްޗަށް ނުނުކުމެ ދިރިއުޅެވޭނެ ގޮތެއް ނެތުމުންނެވެ. މަގުތަކަށް ނުކުތުމުން ޝީޝާ ހާލިތަކުގައި ދުންބުރުވާފަދައިން ހިނގާ މީހުންގެ މޫނަށް ދުންބުރުވުމަކީ އަވަށްޓެރި ޤައުމުތަކުގައި މަނާކަމަކަށްވެފައި އެކަން ކުރުމުން އަދަބުދޭ ކަމެއް ނަމަވެސް ރާއްޖޭގައި ހަމަ ކުރުން ހުއްދަކަމެކެވެ. އެކަންވެފައި އޮންނަނީ ގަޓްހުރި މީހުން ކުރާކަމަކަށެވެ. 

މަގުމަތީގައި ހިނގާ މީހުންގެ މޫނަށް ދުންބުރުވަން ސަރުކާރުން ހިތްވަރުދީފައިވާއިރު ކެންސަރު ޖެހުމުން ބޭސްކޮށެއް ނުދެވެއެވެ. އާދޭސްކޮށް ސަލާންޖަހައިގެންވެސް ލިބެނީ ކުރަންޖެހޭ ޚަރަދުން ކުޑަކުޑަ މިންވަރެކެވެ. އަނެއްބައި ހޯދަންޖެހެނީ ހަމަ ނާށިގަނޑުހިފައިގެން ހިނގައި ސަލާންޖަހައިގެންނެވެ. 

ޑަބްލިޔޫއެޗްއޯގެ ރިޕޯޓްތަކުން އެނގޭގޮތުގައި ދުންފަތުގެ އިސްތިޢްމާލުކުރާ މީހާއަށްވުރެ ކެންސަރުޖެހުމުގެ ފުރުޞަތު ބޮޑީ އޭނާ ފޮނުވާދުން ފޯރާ މީހުންނަށެވެ! މިކަންކަން އެޗްޕީއޭއަށް ރަނގަޅަށް އެނގޭއިރުވެސް އަބަދުވެސް ދައްކަނީ ކޮންމެވެސް ބަހަނާއެކެވެ. ޢާންމު ޞީއްހަތު ރައްކައުތެރިކުރުވޭނެ ގޮތަކަށް ކަންކަމެއް ނުކުރެވެއެވެ. މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ކަންބޮޑުވާންޖެހިފައިވާ ކަންކަމެވެ.

މިއަދު އޮންލައިން