ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އދ. އޮމަދޫއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް މުޢިއްޒު މިހާރު ވަނީ އދ. އަތޮޅަށް 2 ދުވަހުގެ ދަތުރުފުޅެއް ފައްޓަވާފައެވެ. އިއްޔެ ދަނގެއްޗަށް ވަޑައިގެން، މިއަދު މަހިބަދޫ އަދި އޮމަދޫއަށް ޒިޔާރަތްކުރެއްވިއެވެ.
އޮމަދޫއަށް ރައީސް ވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވެފައިވެއެވެ. މީގެ އިތުރުން، ރަށް ވަނީ ރައީސްއަށް މަރުޙަބާ ދެންނެވުމަށްޓަކައި ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އޮމަދޫ ކައުންސިލާއި، އަންހެނުންގެ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ހާމަކުރައްވާފައެވެ.
މި ދަތުރުފުޅަކީ ރައީސް މުޢިއްޒު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މިހާތަނަށް ރައީސް ވަނީ 190 އަށްވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުން ރަށްރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.