ޝައްކުކުރާކަން އެނގުމަކީވެސް ހެޔޮލަފާ އަނބިން ލަދުން ހަލާކުވާ ކަމެއް! އަނބިމީހާއަށް ޝައްކުކުރަމުންދަނިކޮށް ޙަޤީޤަތް އެނގުމުން ލަދުވެތިވާންޖެހުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޝައްކުކުރާކަން އެނގުމަކީވެސް ހެޔޮލަފާ އަނބިން ލަދުން ހަލާކުވާ ކަމެއް! އަނބިމީހާއަށް ޝައްކުކުރަމުންދަނިކޮށް ޙަޤީޤަތް އެނގުމުން ލަދުވެތިވާންޖެހުނު ފިރިއެއްގެ ވާހަކަ-

އެދެމަފިރިންނަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކައިވެންޏަށް 3 އަހަރު ފުރިގެންދިއައިރުވެސް އެއްވެސް ބަދަލެއް ނައުދެއެވެ. ދިރިއުޅެމުން އައީ އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްފަދައިން ވަރަށް ލޯބިންނެވެ.  

ފިރިމީހާގެ ހިތުގައި އަނބިމީހާ އާއިމެދު ޝައްކުތަކެއް އުފެދެން ފެށީ އަނބިމީހާ އާއިއެކު އޮފީހުގައި މަސައްކަތްކުރާ ޒުވާނަކު ދޭތެރެދޭތެރެއިން ގެއަށް ގެނުވައި ބައެއް ކަންކަން އޭނާ ލައްވައި ކުރުވަން ފެށުމުންނެވެ.  

އެޒުވާނާއަކީ ވަރަށް ގިނަ މަސައްކަތް ދަންނަ ޒުވާނެކެވެ. ކަރަންޓު މަސައްކަތާއި ވަޑާމުގެ މަސައްކަތާއި ފެންވައިރާއިބެހޭ މަސައްކަތްތައްވެސް ކުރަން ދަންނަ ޒުވާނެކެވެ. ފިރިމީހާއަކީ އެފަދަ އެއްވެސް މަސައްކަތެއް އަމިއްލަ އަތުން ކުރަން އެނގޭ މީހެއް ނޫނެވެ. ކަމެއް ދިމާވެއްޖެނަމަ ޖެހެނީ މަސައްކަތް ދަންނަ މީހަކު ގެނެސް އަގުދީގެން ކުރުވާށެވެ.  

އެހެންވެ އަނބިމީހާ އެޒުވާނާގެ ބޭނުން ހިފަމުން ދިއައީ ކަންކަން އަވަހަށް ކުރުމަށާއި ކުޑަ އަގެއްގައި ކުރުމަށެވެ. ޒުވާނާ އަގެއް ނުކިޔައެވެ. ފައިސާގަ ނުހިފައެވެ. ދެމީހުންގެ ގާތްކަން ބާއްވަނީ އޮފީހުގައި ނުވަތަ ގޭގައި އެކުގައި ތިބެ ބޮއެލާ ކޮފީތަށްޓަކާއި ހަމައިގައެވެ.  

ފިރިމީހާއަށް މިކަންކަން ޙަޖަމެއް ނުކުރެވުނެވެ. ހިތުގައި ނުބައި ޝައްކުތައް އުފެދެމުން ގޮސް އަނބިމީހާއަށް ފަރުވާކުޑަކުރެވެންފެށިއެވެ. ދުރުހެލިވާން ފެށިއެވެ. އެންމެފަހުން އަނބިމީހާ ނިދާފައި އޮއްވައި އޭނާގެ ފޯނު ހުޅުވައިގެން ޗެކްކުރިއެވެ.

އަނބިމީހާއަށް ހޭލެވި އެތަން ފެނުމުން ވަރަށް ދެރަވެފައި ފިރިމީހާ ގާތުގައި ތިއަހެން ކަންކަން ކުރަނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އަދި ސުވާލެއްވެސްކޮށްނުލައި ޝައްކުކުރަނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ފިރިމީހާ ވަރަށް ދެރަވިއެވެ. އަދި އޭނާއަށް ކަންކަން ކުރެވުނު ގޮތާއިމެދު މާފަށް ވެސް އެދުނެވެ. އެއީ ފޯނުގައި ހުރި މެސެޖުތަކުން އެދެމީހުންގެ މެދުގައި ރައްޓެހިކަން، އެކުވެރިކަން ނޫން އެއްވެސް ގުޅުމެއް ނުއޮންނަކަން ޔަޤީންކުރެވުމުންނެވެ. 

އަނބިމީހާ ބުންޏެވެ. "ފުރަތަމަ ފަހަރުވީމާ މާފުކުރާނަމެވެ. ނަމަވެސް ތަކުރާރުނުކުރާށެވެ. އެއްވެސް ކަމަކަށް ޝައްކުކުރެވޭނަމަ ސުވާލުކުރާށެވެ. ދެމީހުންގެ މެދުގައި އިތުބާރު ނުކުރެވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ދިރިއުޅުމަކަށް ނުލިބޭނެއެވެ. އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ބޭވަފާތެރިއެއް ނުވާނަމެވެ. ކައިވެނިކުރީ ޢުމުރަށް ވަރަށް ލޯބިން އެކުގައި ދިރިއުޅުމުގެ ނިޔަތުގައެވެ."  

މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް ކަންކަން ދިމާވިގޮތެވެ. އެދެމީހުންގެ މެދުގައި އެއިގެފަހުން ދުވަހަކުވެސް އެފަދަ އެއްވެސް މައްސަލައެއް ނުޖެހެއެވެ. ދެމީހުންގެ ކައިވެންޏަށް މިހާރު 12 އަހަރުވެއްޖެއެވެ. ދިރިއުޅެމުން އަންނަނީ ވަރަށް ލޯބިން، ވަރަށް އުފަލުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިއީ ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލަންޖެހޭނެ ކަމެއް ކަމަށެވެ. އެކަކު އަނެކަކަށް އިތުބާރުނުކުރާނަމަ ޖެހޭ މައްސަލަތައް ވަރަށް ގިނަވާނެއެވެ. ކޮންމެ އަންތބަކީ އަދި ފިރިއަކީވެސް ބޭވަފާތެރިވާނެ މީހެއް ނޫނެވެ. ވީމާ ބައިވެރިޔާގެ ކިބައިން ކުށެއް ނުފެންނަނަމަ އިތުބާރުކުރަންވާނެއެވެ.  

މިވެނި މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ބޭވަފާތެރިވުމަކީ ހުރިހާ އެންމެންނަކީ ބޭވަފާތެރިވާނެ މީހުންކަމަށް ކަނަޑައަޅަންޖެހެންވީ ސަބަބެއް ނޫނެވެ. އެކަމަށް ސަމާލުކަންދީގެން ދިރިއުޅެން މަސައްކަތްނުކުރާނަމަ އެއްވެސް މީހަކަށް އުފަލުގައި ދިރިއުޅުމަކީ ޙާޞިލުކުރެވޭނެ އުފަލެއް ނޫނެވެ. އެކުވެރިޔާގެ މިވާހަކަތައް މިކިޔައިދިނީ ޚުދު އަޅުގަނޑަށްވެސް މިފަދަ މައްސަލަތައް ކުރިމަތިވެ ފުރަތަމަ ކައިވެނި ރޫޅުނު ސަބަބަކީ ހަމައެއީ ކަމަށްވާތީއެވެ. އެވާހަކަ ފަހުން ކިޔައިދޭނަމެވެ. އިން ޝާ ﷲ

 

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން