މުރަނގަތޮޅިއާއި މުރަނގަފަތުން ހަށިގަނޑަށް ކުރާ ފައިދާ ދެނެގަތުމަށް މިހާރުވެސް ގެންދަނީ ދިރާސާތައް ކުރަމުންނެވެ. ސައިންސްވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ މުރަގަފަތާއި މުރަނގަތޮޅިން ލިބޭކަން ތަޖުރިބާއިން ޔަޤީންކުރެވޭ ކަންކަމަށް ސައިންސްގެ ތެރެއިން ހެކި އަދިވެސް ނުހޯދޭކަމެވެ.
މުރަނގަ ފަތުން ކުރާ ފައިދާގެ ތެރޭގައި: އެތެރެ ހަށީގައި ދުޅަވާތަންތަނަށް ފަރުވާ ލިބުން، އާތަރައިޓިސް (ވައިގެ/ ރާއްޖެބަލީގެ ވައްތަރުތަކަށް) ފަރުވާ ލިބުން، ހަކުރުގެ މިންވަރު ދަށްކުރަން އެހީތެރިވުން، ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދިނުން، ލޭދައުރުކުރުން ރަނގަޅުކޮށްދިނުން، ހަނދާން ރަނގަޅުކޮށްދިނުން، ފުރަމޭގެ ޞިއްޙަތު ރަނގަޅުކޮށްދިނުން، ޙަޖަމް ރަނގަޅުކޮށްދިނުން ފަދަ އެތައް ތަޖުރިބާއިން އެނގޭތީ ގިނަ ބައަކު މުރަނގަ ފަތް ބޭނުންކުރެއެވެ.
ބިންދަތި ސަރަޙައްދުތަކުގައި ގޭގައި މުރަނގަ ގަސް ހައްދަން އުނދަގޫވާނެއެވެ. ނަމަވެސް ގޯތީގައި ނުވަތަ ދަނޑުބިމުގައި ޖާގަ އޮތް ނަމަ މުރަނގަ ގަސް ހެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. މުރަނގަ ގަހަކީ ރޯވެ ހެދިގަތުމުން ހައްދަން އިތުރަށް ކާނާއެޅުން، ފެންދިނުން ފަދަ ކަންކަންވެސް ކުރަންޖެހޭ ގަހެއް ނޫނެވެ. އަމިއްލައަސް ހެދިބޮޑުވާ ގަހެކެވެ.
މުރަނގަފަތް ލިބުން ދަތި ބައެއް ޤައުމުތަކުގައި މުރަނގަ ފަތުގެ ކެޕްށޫލް އުފައްދައިގެންވެސް އެބަ ބޭނުންކުރެއެވެ. ނަމަވެސް ހިތާމައަކީ ފަށޭހައިން މުރަނގަ ފަތް ލިބެން ހުންނަ ސަރަޙައްދުތަކުގައި ބޭނުންކުރުމަށް ސަމާލުކަން ކުޑަކުރާ ކަމެވެ.
ރާއްޖޭގެ ބާޒާރަށް ބަލައިފިނަމަ މުރަގަތޮޅި ކިލޯއެއް ޢާންމުގޮތެއްގައި ވިއްކަނީ 90 ރުފިޔާއަށެވެ. 100 ރުފިޔާއަށް މައްޗަސް ގޮސް 150 ރުފިޔާއަށްވެސް ކިލޯއެއްގެ އަގު އުފުލެއެވެ. ކުޑަކުދަ ފަތްކޮޅެއް ވިއްކަނީ 40 ވަރަކަށް ރުފިޔާއަށެވެ. އެވަރުންވެސް އޮންނަނީ ގަންނަން ނުލިބިފައެވެ. ވީމާ މުރަނގަ ހެއްދުމަކީ ރަނގަޅު ޢާމްދަނީއެއްވެސް ހޯދެން އޮތް ކަމެކެވެ.
- ޞިއްޙީ މައުލޫމާތު: ޞިއްޙީ ޚަބަރު