ޢިބްރަތްތެރި ވާހަކަ: ތިމާ ލޯބިވާ މީހަކާ ކައިވެނިކުރުމުގެ ބަދަލުގަ ޢުމުރު ތަފާތަސް ލޯބިދީގެން ލޯބިން ގެންގުޅޭނެ މީހަކާ ކައިވެނިކުރުމުން ކުރާ ފައިދާ މާބޮޑުކަން އެނގޭ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 25ސ
ޢިބްރަތްތެރި ވާހަކަ: ތިމާ ލޯބިވާ މީހަކާ ކައިވެނިކުރުމުގެ ބަދަލުގަ ޢުމުރު ތަފާތަސް ލޯބިދީގެން ލޯބިން ގެންގުޅޭނެ މީހަކާ ކައިވެނިކުރުމުން ކުރާ ފައިދާ މާބޮޑުކަން އެނގޭ ޙާދިސާއެއްގެ ވާހަކަ-

އަޅުގަނޑު މިއުޅެނީ 2 ވަނަ ކައިވެނިމަތީގައެވެ. ދެވަނަ ފިރިމީހާއަކީ އަޅުގަނޑަށްވުރެ 15 އަހަރު ދޮށީ މީހެކެވެ. އެހެންވެ އެވާހަކަދައްކާ މީހުން ވަރަށް ގިނައެވެ. އަޅުގަނޑާއި ސުވާލުތައް ކުރަނީ މަދުމީހެކެވެ. އެކަމަކު އަޅުގަނޑު ނެތްތަންތަނުގައި އެވާހަކަ ދައްކާ މީހުން ވަރަށް ގިނައެވެ. އެހެންވެ މިއުޅެނީ އެންމެންނަށް އެނގޭނެ ގޮތަށް އަޅުގަނޑުގެ ވާހަކަކިޔައިދޭށެވެ. 

އަޅުގަނޑުވެސް ފުރަތަމަ ކައިވެނިކުރީ ސްކޫލްއިރުންސުރެ ލޯބީގެ ގޮތުން ގުޅިގެން އުޅެވުނު ހަމަ އެއް ޢުމުރުގެ މީހަކާއިއެވެ. ކައިވެނިކޮށް ދެދަރިން ލިބުނީމައި ކުރިން ދެމުން އައި ލޯބިން ފިރުމައިލުންތައް ބަދަލުވީ ކަރާޓީ ތެޅުމަށެވެ. ތަޅައި އަނިޔާކުރަންފެށީ ވަކިވަރަކަށް ނޫނެވެ. 

މިފަދަ ބޮޑު ބަދަލެއް ފިރިމީހާއަށް އައި ސަބަބު އެނގުނީވެސް މެދުދަތްވެސް ބިނދުނު ފަހުންނެވެ. އެސަބަބަކީ ދެއަންތބަށް ކައިވެނިކުރަން އަޅުގަނޑު ނުރުހިދާނެކަމަށް އޭނާއަށް ވިސްނުމެވެ. ހިތާމައަކީ އެގޮތަށް ވިސްނިއިރު އަޅުގަނޑާއި ސުވާލުވެސްކޮށްނުލާކަމެވެ. އަޅުގަނޑު ދޭ ޖަވާބެއް އެނގުނީހީވެސް ސުވާލުކޮށްލިނަމަތާއެވެ. 

އެއީ ރަމަޟާން މަހެކެވެ. ތަރާވީޙް ނަމާދުން ފައިބައިގެން ގޮސް ގެއަށް ވަދެވުނުއިރު ހުރީ ރުޅިއައިސް ރަތްވެފައެވެ. އެއީ ހެދިކާއާއި އެހެންތަކެތި މޭޒުމަތީގައި ހުރިނަމަވެސް ސޫޖީތަށި އަޅައިނުދެވިހުރެގެންނެވެ. ގެއަށް ވަދެވުނުތަނާ ސޫޖީތެލި ގެނެސް އޮއްސައިލީ އަޅުގަނޑުގެ ބޮލަށެވެ. ތެލި އެއްލާލާފައި ގޮސް ކުނިކަހާ ފިހިގަނޑު ނަގައިގެން އަންނަތަން ފެނުމުން އެއުޅެނީ އާދައިގެމަތިން ތަޅައިގަންނަންކަން އެނގުނެވެ. 

އެހައިތަނަށް ކިތަންމެ ވަރަކަށް ތެޅިނަމަވެސް ރުއިން ނޫން ކަމެއް ނުކުރަމެވެ. ނަމަވެސް އެރޭ އަޅުގަނޑުގެ ވިސްނުން ތަފާތުވިއެވެ. ތަޅަންފެށީމާ ހަޅޭއްލަވައިގަނެވުނެވެ. "މީހެކޭ އަހަރެން ސަލާމަތްކޮށްދީ! މިއޮއް ތަޅައި މަރަނީ!" އަޑުގަ ހުރިބާރަކަށް ގޮވައިލެވުނެވެ. 

އެވަޤުތު މީހަކު އައިސް ފްލެޓްގެ ދޮރުހުޅުވާފައި ފިރިމީހާއަށް ބުންޏެވެ. "އަޅެ ކަލެއަކީ އިންސާނެއްތަ؟ ކަލެއަށްވުރެ މާބަލިކަށި އަންހެނަކަށް ތިއަގޮތަށް އަނިޔާކުރަން ހެޔޮވެދާނެތަ؟ ކަލޭ ރޯދައެއްވެސް ނުހިފަންތަ؟ ތަރާވީޙަކަށްވެސް ނުދަންތަ؟ ﷲ އަށް ބިރެއް ނުގަނޭތަ؟" 

ފިރިމީހާގެ ޖަވާބަކަށްވީ: "ކަލޭދޯ މީނާއާ ހިތާވެގެން ތިއައުޅެނީ! އެހެންވީމާ ގޮވައިގެންދޭ! އެއިނީ ވަރިކޮށްފަ!" އެހެން ބުނެފައި ގޮވަންފެށީ އަވަގުރާނައެވެ. އޭނާ ކިޔާނެހައި އެއްޗެއް ކިޔައި ނިމުމުން އެމީހާ ބުންޏެވެ. "އަހަރެން ކަލޭގެ އަނބިމީހާ މިދުށީއެވެ. މިހައިތަނަކަށް ފެނިފައެއް ނުވެއެވެ. ދުވަހަކު ވާހަކައެއްވެސް ނުދައްކަމެވެ. އަހަރެން އުޅެނީ މި ތަނަކު ނޫނެވެ. ރައްޓެއްސަކާއި ބައްދަލުކުރަން އައިސްފައި ސިޑިން ފައިބަނިކޮށް އޭނާ އެހީއަށް އެދި ގޮވާއަޑު އިވުނީމާ ބަލައިލެވުނީއެވެ. އެކަމަކު މައްސަލައެއް ނެތެވެ. ދާންހުރިއްޔާ ދާނީ ގޮވައިގެންނެވެ." 

އެއިރު މުޅި ގައިގައި ރިއްސައެވެ. މޫނުމަތި ހުރީ ދުޅަވެފައެވެ. ދެދަރިން ރޮއިރޮއި ތިއްބެވެ. ދޫކޮށްލާފައި ނުކުންނަން ވަރަށް ދެރަވިއެވެ. ނަމަވެސް ދެދަރިންގެ ނިތްކުރީގައި ބޮސްދީފައި މަންމަ އަދި އެނބުރި އަންނާނަން ކަމަށް ބުނެފައި ރޮމުންރޮމުން ނުކުމެގެން އޭނާއާއިއެކު ދިއައީއެވެ. 

އޭނާ އަހަރެން ގެންދިއައީ އެ ޢިމާރާތުގައި އުޅޭ އޭނާގެ ރައްޓެހި އަންހެނެއްގެ ފްލެޓަށެވެ. ގެންގޮސްފައި އަޅުގަނޑަށް ހެޔޮކޮށް ހިތައި ބަލަހައްޓަން ބުނެފައި އޭނާގެ އަތަށް ރުފިޔާކޮޅެއްވެސް ދީފައި ނުކުމެގެން ދިއައީއެވެ. އެދިއަފަހަކުން އޭނާގެ ޚަބަރެއް ނުވެއެވެ. ނަމަވެސް އެއަންހެންމީހާއަށް ގުޅައި އަޅުގަނޑުގެ ޙާލު އޮޅުންފިލުވާކަން އެނގެއެވެ. 

ޖެހިގެން އައި ދުވަހު ފިރިމީހާއަށް ގުޅައި ކުދިން ދެކެން ބޭނުން ކަމަށް ބުނުމުން ފްލެޓުގެ ތަޅުދަނޑިއެއް ދިނެވެ. ކޮންމެ ދުވަހަކުވެސް ފަތިސްނަމާދުން ފައިބައިގެން ގޮސް ކުދިންނަށް ޚިދުމަތްކުރަމެވެ. ފިރިމިހާ އޮފީހުން ނިމިގެން އަންނަންދެން ކުދިން ބަލައިދެމެވެ. 

އެހެން އުޅެމުން އައިސް ޢިއްދަ ހަމަވިތަނާ އެމީހާ އަޅުގަނޑާއި ފުރަތަމަ ފަހަރަށް ބައްދަލުކުރިއެވެ. ދެމީހުން އެކަކު އަނެކަކަށް ތަޢާރްފަވީވެސް އެހިސާބުންނެވެ. އޭނާ އަޅުގަނޑަށް ވަރަށް ހެޔޮކޮށް ހިތިއެވެ. އެހެންއުޅެމުން ގޮސް 2،3 މަސް ފާއިތުވީފަހުން އޭނާ ގާތު އަޅުގަނޑާއި ކައިވެނިކުރަން އެދުނީވެސް އަޅުގަނޑެވެ. 

އެގޮތަށް އެދުނީ އަޅުގަނޑަކީ ބީރައްޓެއްސަކަށްވެފައި ވަންނާނެ ގެދޮރު މާލޭގައި ނެތުމުންނެވެ. 2 ދަރިން އެއްލާލާފައި ރަށަށްދާން ޖެހިލުންވާވަރުންނެވެ. ދެދަރިންނަށް ފެންނަ ހިސާބުގައި އިނުމުގެ ބޭނުމުގައެވެ. އަދި އަޅުގަނޑަށް އޭނާ ކުރާ ޚަރަދަކީ ޙަލާލު އެއްޗަކަށް ހެދުމަށެވެ. 

އޭނާއަކީވެސް 2 ދަރިން ގޮވައިގެން އުޅޭ އެކަނިވެރި ބައްޕައަކަށްވުމުން އަޅުގަނޑާއި ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން އޭނާގެ ގެއަށް ގެންދިއަތަނާ އެއްރޭ ފިރިމީހާ 2 ދަރިން ގެނެސްދީފައި އެދުނީ 2 ދަރިން ބަލައިދިނުމަށެވެ. ބުނީ ދަރިންނަސް ޚަރަދުކުރާނެ ކަމަށެވެ. 

ފިރިމީހާ ވަގުތުން 2 ކުދިން ބަލައިގަތެވެ. އެއިގެ ފަހުން މިހާރު 6 އަހަރުވީއެވެ. އަދި ކުދިންގެ ބައްޕަ ލޮލަކުން ނުދެކެވެ. ޚަރަދަށް އެންމެ ރުފިޔާއެއްވެސް ނުދެއެވެ. އަޅުގަނޑާއި ކުދިންގެ ހުރިހާ ކަމެއް ފިރިމީހާ ކޮށްދެމުން އެގެންދަނީ އުފަލުންހުރެއެވެ. 

ދެން ނިކަން ބުނެބަލާށެވެ! އޭނާއަކީ ޢުމުރުން 15 އަހަރު ކީއްކުރަން 30 އަހަރު ދޮށީ މީހަކަށްވުމުން އަޅުގަނޑަށް އޮތީ ކޮން މައްސަލައެއްތޯއެވެ؟ ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ލިބެއެވެ. ކޮންމެ ދުވަހަކުހެން ލިބެމުން އައި އަނިޔާތަކުން ސަލާމަތްކޮށްދިނީ އޭނާއެވެ. ބަދަލުގައި އަޅުގަނޑުގެ ކިބައިން އެއްވެސް ކަމަކަށް ނުއެދެއެވެ. އަނެއްކޮޅުން ތަޤްވާވެރިއެވެ. އޭނާގެ 2 ދަރިންފަދައިން އަޅުގަނޑުގެ ދެދަރިންވެސް ތަރުބިއްޔަތުކުރަމުން އެގެންދަނީ ހެޔޮލަފާދަރިންގެ ގޮތުގައެވެ. ދީނުގައިވާ މަގުންނެވެ. 

އަޅުގަނޑަށް ބުނެވެން އޮތީ ލޯބިވެގެން ކުރި ކައިވެނި އަޅުގަނޑަށްވީ ލިބުނު އެންމެ ބޮޑު އަނިޔާކަމަށާއި ލޯބިނުވެ ކުރި ކައިވެނި އަޅުގަނޑަށްވެފައި މިވަނީ ބޮޑު ރަޙްމަތަކަށް ކަމަށެވެ. މިހައިވަރަށް ކިޔައިދިނުމުން އަޅުގަނޑެވެ ކިޔައިގެން ވާހަކަ ދައްކަމުން ހިނގާ މީހުންނަށް ކޮންމެވެސް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަމެވެ. އަދި މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށްވެސް އުންމީދުކުރަމެވެ.

 

- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން