މަތީ ތަޢުލީމު ހާޞިލުކުރާ ދަރިވަރުންނަކީ، އެ ދަރިވަރުންގެ ކުޅަދާނަކަމާއިމެދު ޝައްކު ނުއުފެދޭ ބަޔަކަށް ވާންޖެހޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މަތީ ތަޢުލީމު ހާޞިލުކުރާ ދަރިވަރުންނަކީ، އެ ދަރިވަރުންގެ ކުޅަދާނަކަމާއިމެދު ޝައްކު ނުއުފެދޭ ބަޔަކަށް ވާންޖެހޭ: ވަޒީރު

މަތީ ތަޢުލީމު ހާޞިލުކުރާ ކޮންމެ ދަރިވަރަކީ އެދަރިވަރެއްގެ ކުޅަދާނަކަމާއި ޤާބިލްކަމާއި މެދު ޝައްކު ނުއުފެދޭ ފަދަ ދަރިވަރަކަށްވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވަނީ އިލްތިމާސްކުރައްވައިފައެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް އިފްތިތާޙްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ވިލާ ކޮލެޖަކީ އައްޑޫ ސިޓީއަށް އެތަށް ޚިދުމަތްތަކެއް ފޯރުކޮއްދެއްވާފައިވާ ކޮލެޖެއް ކަމަށާއި، މިއަދު ހުޅުވިގެންދާ ހިތަދޫ ކެމްޕަހަކީ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ހުޅުވިގެންދާ ކެމްޕަހެއްކަމަށެވެ.

"މަތީތަޢުލީމުގެ ހިޔާވަހިކަމުގެ ދަށުން ދަސްވެނިވެގެން ނިކުންނަ ކޮންމެ ދަރިވަރަކީ، އެ ދަރިވަރެއްގެ ކުޅަދާނާނަކަމާމެދު ސުވާލުނުއުފެދޭނެ ފަދަ ދަރިވަރަކަށްވުން މުހިންމު. ވަޒީފާއަކަށް ދިޔަނަމަ، ވަޒީފާ ދިންފަރާތް މާޔޫސްނުވާފަދަ ހުނަރުހުރި ދަރިވަރަކަށް ކޮންމެ ދަރިވަރަކުވެސް ވުން ބޭނުންތެރި. ވަޒީފާއެއް އަދާކުރަން ބޭނުން ނެތް ނަމަ އަމިއްލަ މަސައްކަތަކުން ދިރިއުޅުން އާރާސްތު ކުރެވޭފަދަ ހުނަރުވެރި ދަރިވަރަކަށްވުމަކީ އަޒުމް ކަމުގައި ކޮންމެ ދަރިވަރަކުވެސް ހަދަންވާނެ"

މަތީ ތަޢުލީމުގެ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ ކުރީ ސަފުން ވިލާ ކޮލެޖް ޖާގަ ހޯއްދަވާފައިވާކަމާއި، ކޮލެޖްގެ އިތުރުން ވެސް އެހެނިހެން އަމިއްލަ ފަރާތްތަކުން މަތީ ތަޢުލީމު ކުރިއެރުވުމަށް އެތަށް އަގުހުރި މަސައްކަތްތަކެއް ކުރައްވަމުންދާކަން އެކަމަނާ ވަނީ ފާހަގަކުރައްވައި ޝުކުރު ޢަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ،ޢަލީ ނިޒާރު، ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ.އަޙްމަދު އަންވަރު އަދި އެހެނިހެން އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިއަދު އޮންލައިން