ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގެންފި

ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ދަރުބާރުގޭގައި ހިންގަމުން އަންނަ ތިން ވުޒާރާއަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވާހަކަފުޅުގައި، ފާއިތުވި ދުވަސްތަކުގައި ދިމާވި ހިތާމަވެރި ހާދިސާގައި ގެއްލުނު ތަކެތީގެ އަގު ނުކުރެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި އައު ހިތްވަރަކާއި އަޒުމަކާއެކު ކުރިއަށް ދިއުމަށް މުވައްޒަފުންނަށް އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، ވުޒާރާތަކުގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކޮށް، ވަގުތީ އިންތިޒާމުތައް ހަމަޖައްސާފައިވާކަން ރައީސް އެންގެވިއެވެ. އަދި ދާއިމީ ހައްލެއްގެ ގޮތުން ސަރުކާރުގެ އިމާރާތެއްގައި ވުޒާރާތައް ހިންގުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކެތްތެރިކަމާއި އެކުވެރިކަމާއެކު އެއް ޓީމެއްގެ ގޮތުގައި ކުރިއަށްދިއުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު އެންމެ ބޮޑަށް އަލިއަޅުވާލެއްވީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަމާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މިއަދު އޮންލައިން