ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހިރާއްޖޭގެ އަސްކަރީ ޤާބިލުކަން އިތުރުކޮށް، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޖަޕާނު ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޣައްސާން މި ވާހަކަ ވިދާޅުވިއެވެ. މި އެހީގެ ގޮތުގައި ލިބުނު ސާމާނަކީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާގެ އަގުހުރި ތަކެތިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި އެހީގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލިއްޔަތު އިތުރުވެ، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަވަހަށް އަދި ހަރުދަނާކަމާއެކު ޙަރަކާތްތެރިވެވޭނެ," ވަޒީރު ޣައްސާން ވިދާޅުވިއެވެ. އަދި ސަރުކާރުން ކޯސްޓްގާޑުގެ އުޅަނދުފަހަރާއި އާލާތްތަކާއި ޚިދުމަތްތައް ދެގުނަ ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަޕާނަކީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިވަމުންދާ ޤައުމެއްކަން ފާހަގަކުރައްވަމުން، މި އެހީއަކީވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ ހެއްކެއްކަމަށް ވަޒީރު ޣައްސާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުގެ ސަފީރާއި އެހެނިހެން އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.