ބިރުވެތިވޭ!: އެއްވެސް މީހަކަށް ނުރުހި ޙަސަދަވެގެން ހުރުމަކީ އެންމެ ނިކަމެތި ގޮތުގަ ދުނިޔެ ދޫކުރަންޖެހިދާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ބިރުވެތިވޭ!: އެއްވެސް މީހަކަށް ނުރުހި ޙަސަދަވެގެން ހުރުމަކީ އެންމެ ނިކަމެތި ގޮތުގަ ދުނިޔެ ދޫކުރަންޖެހިދާނެ ސަބަބެއް!

މިރޭ ބަހެއް ބުނަން މިއުޅެނީ ނުއެނގި ތިބެ ނަމަވެސް ބައެއް މީހުންނަށް ވަރަށް ގޯސްކޮށް ކުރެވޭ ކަމަކާއިމެދުގައެވެ. އެއްވެސް މީހަކަށް ޙަސަދަވެރިވުމާއި ދެބަސްވެ ދެކޮޅުވެރިވުމުގެ ސަބަބުން ކުރިމަލާންޖެހިދާނެ ކަމެއްގެ ވާހަކައެވެ. އަމިއްލަ އުފާ ޤުރްބާންކޮށްފައިވެސް އެހެން މީހުންނާއި ދެކޮޅުވެރިވުމުން ލިބިދާނެ އެންމެ ބޮޑު އެއް ގެއްލުމުގެ ވާހަކައެވެ.

ކޮންމެ މީހަކީވެސް އަތާއި ފައިން، ދުލާއި ލޮލުން، އަނގައިންނާއި އެހެނިހެން ގުނަވަންތަކުން ކޮންމެ ދުވަހަކު އެތައް ބައިވަރު ފާފަތަކެއް ކުރެވޭ މީހެކެވެ. ޤަޞްދުގައާއި ޤަޞްދަކާއިނުލައި ކުރެވޭ ފާފަތައްވެސް އެހައިމެ ގިނައެވެ. ކުރެވޭ ފާފަތައް ޤިޔާމަތް ދުވަސްފަދައިން މިދުނިޔޭގައިވެސް އެމީހާގެ ލޮލަށް ދައްކަވާނަމަ އެފާފަތަކަށް ތިމާގެ ދެލޯ ނުވެސް ބަލާނެވެ. ބިރުވެތިވާވަރުންނެވެ.

އެހެންކަމުން ކޮންމެ މީހަކު ވެސް އެންމެ އެދޭނެ ކަމަކީ އެމީހާގެ ފާފަތައް ފުއްސަވައިދެއްވަވައި ސުވަރުގެ ވެއްދެވެވުމެވެ. އެކަމަކީ އެމީހާ އަދި ބޭނުންހައި ގޮތަކަށް އުޅެމުން އެދުނުނަމަވެސް ވާނައޮތްކަމެއް ނޫނެވެ. އެކަން ޙާޞިލުކުރެވެން މިއަންނަނީ ޝަރުޠުތަކެއް ފުރިހަމަކުރެވިގެންނެވެ.

ޝަރުޠުތަކެއް ކަމަށް ބުނުމުން ބިރުގަންނާނެ ކަމެއް ނެތެވެ. އެއީ ވަރަށް އާދައިގެ، ވަރަށް ކުޑަކުޑަ، ވަރަށް ފަސޭހައިން ކުރެވެން އޮތް 2 ކަންތަކެވެ. އަންނަވި ޙަދީޘްފުޅުގައި އެވަނީ އެ 2 ޝަރުޠުގެ ވާހަކައެވެ.

"ޝައުޞާން މަހުގެ 15 ގައި ﷲ ތައާލާ އެންމެހައި މީސްތަންނަށް ބައްލަވައިވޮޑިގަންނަވާނެއެވެ. 2 ބާވަތެއްގެ މީހުން ފިޔަވަވައި އެހެން އެންމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! އެއީ (1) ޝަރީކުރާ މީހުން. (2) އެހެންމީހުންނާއިމެދު ތިމާގެ ހިތުގައި ހަސަދަލައި ރުޅިވެރިކަން ބާއްވާ މީހުން."

ހަމައާއިއެކު ކޮންމެ ހަފްތާއެއްގެ ދެ ދުވަހު ތިމާގެ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލޭ ހިނދުވެސް ތިމާމެންގެ ހިތުގައި ހަސަދަލައި ރުޅިވެރިކަން ބާއްވާ މީހުންގެ ފާފަތައް ފުއްސަވައި ދެއްވަވަނީ އެދެ މީހުން ޞުލްޙަވުމުންނެވެ.

ޙަސަދަވެރިކަން ހިތުން ފިލުވާލައި ޞުލްހަވުމަށްބަލާއިރު އަނެކާ ޞުލްޙަނުވެދާނެކަމަށް ބަލައި ބިރުންހުރުމެއް ނެތެވެ. ކުށްކުރީ ތިމާނަމަވެސް އަދި ތިމާ ނޫން ނަމަވެސް މައްސަލައެއް ނެތެވެ. ދެމީހެއްގެ މެދުގައި އޮތް މައްސަލަ ޙައްލުކުރެވެން އޮތީ މާފަށް އެދިގެނަ ކަމަށްވާނަމަ އަވަހަށް މާފަށް އެދޭށެވެ. ކުށް ނުކުރެވިހުރެ، ޞުލްޙަވުމުގެ ބޭނުމުގައި މާފަށް އެދުމުގައި އަވަސްވެގެންފި މީހާ އެވަނީ ކުރިހޯދައި ކާމިޔބުކޮށްފައެވެ.

ތިމާ ހުރީ ޙައްޤުގައިކަން އެނގިހުރެމެ ޒުވާބުކުރުން ހުއްޓައިލާ މީހާއަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާކަން ހަނދާންކޮށްލުމުމުން ޞުލްޙަވުމަށް އިސްނެގުމުގެ މުހިންކަން އެނގިގެންދާނެއެވެ-.

ކޮންމެއަކަސް އިސްވެ ބަޔާންކުރި 2 ޙަދީޘްފުޅުންވެސް އެނގިގެން މިދަނީ މީސްތަކުންނަށް ހަސަދަލައިގެން އުޅޭ މީހާގެ ފާފަތައް ﷲ ތަޢަލާ ނުފުއްސަވާނެ ކަމެވެ! ފާފަތައް ފުއްސަވައި ދެއްވަވާނީ ޙަސދަވެރިކަން ދޫކޮށްލައި ޞުލްހަވުމުންކަމެވެ.

ވީމާ ޞުލްހަނުވެ، ހިތުގައި އަނެކާއަށް ހަސަދަލައިގެން ހުންނަ މީހާ އެ ހުންނަނީ އޭނާގެ ފާފަތައް ފުއްސަވައި ދެއްވެވުން ބޭނުންނުވާ ޙާލުގައެވެ. ސުވަރުގެވެސް ބޭނުން ނުވާ ޙާލުގައެވެ. އެހެނީ ސުވަރުގެލިބުން ވަނީ ﷲ ތައާލާ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމުން ކަމުގައިވާތީއެވެ!

ވީމާ ﷲ ތައާލާ، އެމީހާގެ ފާފަތައް ނުފުއްސަވާނެ ޙާލަތުގައި (އެހެން ބައަކަށް މީހަކަށް ހިތުގައި ހަސަދަލައިގެން) ހުއްޓައި އެމީހަކު މަރުވެއްޖެ ނަމަ ދެން މެދުވެރިދާނެ ކަންކަން ހިތްމައްޗަށް ގެނެސް މި ދެއްކި ވާހަކަކޮޅާއިމެދު ވިސްނައި ފިކުރުކުރުމަށް ވަޞިއްޔަތްކުރަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން